ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ޝަރީއަތް މިއަދު 13:00ގައި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ދައުވާގެ ހުލާސާ ބަޔާން ހުށަހެޅުމަށް ބާއްވާ އަޑުއެހުން މިއަދު 13:00 އަށް ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މިއަދުގެ ތާވަލުގައި ރައީސް ޔާމީންގެ ޝަރީއަތް މިއަދު 13:00އަށް ތާވަލު ކޮށްފައި ވާއިރު އެންމެ ފަހުން މި މައްސަލައިގައި ކުރިއަށް ދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ހުލާސާ ބަޔާން ހުށަހެޅުމުގެ ޝަރީއަތުގެ އަޑުއެހުން ބާއްވާނީ އޮކްޓޯބަރު 10 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް ފަހުން މި ތާރީހު ވަނީ މިއަދަށް ބަދަލުކޮށްފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 25 ގައެވެ. މި އަޑުއެހުމުގައި ދެ ފަރާތުގެ ހެކި ހުށަހަޅާފައި ވެއެވެ. މި އަޑުއެހުން ނިންމަވާލަމުން ގާޒީ ހައިލަމް ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިމުނީ ކަމަށެވެ. އަދި ދިފާއުން ހުށަހަޅާފައިވާ ހެކި ހާޒިރު ނުވުމުން އެހެކި އިތުރަށް ހާޒިރު ނުކުރަން ނިންމެވި ކަމަށް އެދުވަހުގެ ޝަރީއަތް ނިންމަވާލަމުން ހައިލަމް ވިދާޅުވިއެވެ.

އެދުވަހުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށަހެޅުއްވި ހަމައެކަނި ޝަފައީ ހެކި ކަމުގައިވާ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވަނީ ޝަރީއަތަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނާ އެއްކޮޅަށް ހެކި ދެއްވުމަށް އުޒުރުވެވަޑައިގެންފައެވެ. އަދި ހެކިބަސް ދިނުމަށް އުޒުރުވެރިވެވަޑައިގެން އަޒީމާ ކޯޓަށް ސިޓީއެއް ހުށަހަޅުއްވާފައިވެއެވެ. އެސިޓީގައި އާޒިމާ ފާހަގަކުރައްވާފައިވާ ކަންކަމަށް ބަަލައި އޭނާ ކޯޓަށް ހާޒިރު ނުކުރަން ނިންމައި ކިތާބީ ހެކި ހުށަހެޅުމަށް ދައުލަތުގެ ޕްރޮސެކިއުޓަރަށް ގާޒީ ހައިލަމް ފުރުސަތު ދެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.