ރައްޔިތުންގެ މަޖިލިސް

ޖޭއެސްސީން ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ހޯމަ ދުވަހަށް އެޖެންޑާކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އައްޔަންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފިއެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ރިޒާއަށް ޖަވާބުދާރީވުމަށް 15 މިނެޓް ދިނުމަށް މިދިޔަ ބުދަ ދުވަހު އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ޖޭއެސްސީގެ މެމްބަރުން ރިޒާ ވަކި ކުރުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ނާޒިމް ހުށަހެޅީ މަސްއޫލިއްޔަތުތައް އަދާނުކުރައްވާ ކަމަށް ވިދާޅުވެއެވެ.

ނާޒިމް ވިދާޅުވީ ރިޒާއަކީ ޝަރުއީ ނިޒާމާ ބެހޭގޮތުން ލަފާ ދޭން ޖެހޭ ބޭފުޅެއް ކަމަށާއި އެކަންތައް އޭނާއަށް ނުކުރެވޭ ކަމަށެވެ. އަދި މެމްބަރެއްގެ ހައިސިއްޔަތުން ހުންނަވައި، ކޯޓުތަކުގައި ވަކީލެއްގެ ހައިސިއްޔަތުން ރިޒާ ދަނީ ވަކާލާތު ކުރައްވަމުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ޖޭއެސްސީގެ މެމްބަރެއްގެ މަގާމުގައި ރިޒާ އިންނެވީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުންނެވެ. އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ރިޒާ ވަނީ މީގެ ހަ މަސް ކުރީން އައްޔަނުކުރައްވާފައެވެ.

އެ މައްސަލައިގެ އިތުރުން ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހަޅުއްވާފައިވާ މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލާއި، ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނަވަންކަމުގެ ގާނޫނު އުވާލުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް އެޖެންޑާކޮށްފައިވެއެވެ.

އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ދާދި ފަހުން މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ގާސިމް އިބްރާހީމެވެ. އެއީ ގާސިމްގެ ރިޔާސަތުގައި ކުރިއަށްދާނެ ފުރަތަމަ ޖަލްސާއެވެ.