އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް އަންނަ މަހު އައްޑޫ ސިޓީގައި ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެހެން ވިދާޅުވީ މިއަދު އެސިޓީގެ ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު އައްޑޫއަށް ކުރައްވާ ދަތުރަކީ އަމިއްލަ ފަރާތަކުން ފޭދޫގައި އިމާރާތްކުރި މިސްކިތެއް ކަމުގައިވާ 'މަސްޖިދުލް ކައުސަރު' ރަސްމީކޮށް ހުޅުވައިދެއްވުމުގެ ގޮތުން ކުރައްވާ ޒިޔާރަތެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
މިނިސްޓަރުގެ މިދަތުރުގައި ކައުންސިލާ މިއަދު ބައްދަލުކުރައްވައި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކަންކަމާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކުރައްވައި މައުލޫމާތު ހިއްސާކުރެއްވިއެވެ. އެގޮތުން މިނިސްޓަރު ވަނީ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިއަހަރު ކައުންސިލަށް ދޫކޮށްފައިވާ ބަޖެޓު ކުޑަކަމާއި އެކަން އަންނަ އަހަރު ރަނގަޅު ކުރެވޭނެ ކަން ފާހަގަ ކުރައްވައިފައެވެ.
އިމާމުންގެ މައްސަލަތަކާއި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަމުގައި މިނިސްޓްރީއާއި ކައުންސިލު ގުޅިގެން މަސައްކަތް ކޮށްފިނަމަ ހައްލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ނޮވެންބަރު މަހު ފެށުމަށް ރާއްވަވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.