ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން އެޗްއާރުސީއެމްގެ މެންބަރު މޫސާ އަލީ ކަލޭފާނާ މެދު މިރޭ ކޮމިޓީިން ގޮތެއް ނިންމަނީ

އިބްރާހިމް ޒަކީ

ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރު މޫސާ އަލީ ކަލޭފާނުގެ މައްޗަށް ތުހުމަތު ކުރެވޭ 24 މިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމިޓީން މިރޭ ގޮތެއް ނިންމަން ހަމަޖައްސައިފިއެވެ.

އެ މައްސަލަގައިގައި ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައިވަނީ މިރޭ 8:30 ގައި އޮންނަ ކޮމިޓީގެ ބައްދަލުވުމަށެވެ.

އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ނަމަވެސް މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވިއިރުއެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރައްވާފައިވާ މޫސާ އަލީ ކަލޭފާނު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވީ، ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގަ އެވެ.

މޫސާ އަލީ ކަލޭފާނުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކަށް ކޮންސްޓްރަކްޝަން މެޓީރިއަލްސް ހޯދުމަށް 2005 ވަނައަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އޭބީސީ) ގެ ނަމުގައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ދޫކޮށްފައިވާ "ކްރެޑިޓް މުދާ ގަތުމަށް އެދޭ ފޯމު"ތަކަށް އެޕޯލޯ ކުންފުނިން ހަމަ އެއަހަރު އިންވޮއިސް ހުށަހަޅައިގެން ފައިސާ ނަގާފައިވަނިކޮށް އޭބީސީ ކުންފުނިން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ހަމަ އެފޯމުތަކުގެ ފޮޓޯ ކޮޕީއަށް ހަދާފައިވާ އިންވޮއިސްތަކަށް ދައުލަތުގެ މާލިއްޔާއިން 24 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އޮޅުވާލައިގެން ނަގާފައިވާ މައްސަލައެއްގައެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކޮށް މީގެ ކުރިން ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވިއެވެ.

އެފަދަ ބޮޑު ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބޭފުޅަކު އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވުމުން ކަންބޮޑުވުން ފާޅު ކުރައްވައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ އެފަދަ ބޭފުޅުންގެ ކިބައިން އެޗްއާރުސީއެމް ފަދަ މިނިވަން މުއައްސަސާތައް ސަލާމަތް ކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ބޭފުޅުންގެ ކިބައިން ސަލާމަތް ކުރެވިގެން ނޫނީ ތައައްސުބުން އެއްކިބާވެ ނުފޫޒުން ސަލާމަތްވެ ތިބެ، ބިރު ނުގަނެ، ފަސްނުޖެހި މަަސްކަތްކުރާ މިނިވަން މުއައްސަސާތަކެއް ނުފެންނާނެ ކަމަށް ޖީހާން ވިދާޅުވިއެވެ.