ރައްޔިތުންގެ މަޖިލިސް

ޖިނާއީ ތަހުގީގު ނުކޮށް ދެ ބިދޭސީން ފޮނުވާލި މައްސަލައިގައި އިމިގްރޭޝަނާއި ފުލުހުން ކޮމިޓީއަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

ޖިނާއީ ބޮޑެތި ކުށްތަކެއް ކޮށްފައިވާ ކަމަށްބުނާ ދެ ބިދޭސީއަކު، ޖިނާއީ ތަހުގީގު ނުކޮށް ރާއްޖޭން ފުރުވައިލި މައްސަލައިގައި އިމިގްރޭޝަންގެ އިސްބޭފުޅުންނާއި ފުލުހުންގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.

އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ ބޮޑެތި ޖިނާއީ ކުށްތަކެއް ކޮށްފައިވާ ބަޔަކު ޖިނައީ ތަހުގީގު ނުކޮށް ފޮނުވައިލުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ކޮމިޓީން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުޝާމުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އެވެ. އީސަ ވިދާޅުވީ އެއީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއް ކަމަށާއި، އެފަދަ ކަންކަން އިތުރަށް ހިނގިޔަ ނުދިނުމަށްވެސް އެމައްސަލަ ބަލަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބެލުމަށް އެ މުއައްސަސާތަކުގެ އިސްބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން މިއަދު ފާސް ކުރި ނަމަވެސް އެ ބޭފުޅުން ހާޒިރު ކުރާނެ ވަކި ދުވަހެއް ނިންމާފައެއް ނުވެއެވެ.

ޖިނާއީ މައްސަލަތަކެއްގައި އަތުލައި ގަނެވުނު ދެ ބިދޭސީން އިމިގްރޭޝަނުން ޑީޕޯޓު ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ދެމީހުންނަކީ 49 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ އެމްޑީ ޝަފީގުލް އިސްލާމްއާއި އަބޫ ހަނީފްއެވެ.

މީގެ ތެރެއިން އެމްޑީ ޝަފީގުލް އިސްލާމް ޑީޕޯޓުކޮށްފައި ވަނީ އިމިގްރޭޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ އޮފަރޭޝަނެއްގެ ދަށުން، ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައެވެ.

އަބޫ ހަނީފް ޑީޕޯޓުކުރީ އިމިގްރޭޝަނުން ރާއްޖޭގައި ހުރުމަށް އޭނާއަށް ދޫކޮށްފައިވާ ހުއްދައިގެ ޝަރުތުތަކާ ހިލާފުވެގެންނެވެ.

އަބޫ ހަނީފު ވަނީ ރާއްޖޭގައި ބޮޑެތި ކުށްތައްކޮށް ތަފާތު ވިޔަފާރިތައް ކޮށްފައެވެ. އިމިގްރޭޝަނުން ބުނީ އެމީހުން ޑީޕޯޓުކުރީ ނޯޓިސްއަކާ ނުލައި، ހުއްދަ ބާތިލު ކުރުމަށް ފަހުގައި ކަމަށެވެ.

މިހާރުވެސް ރާއްޖޭގައި ލައްކަ އަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކައެވެ. އޭގެތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ ގަވާއިދާއި ހިލާފަށް އުޅޭ ބައެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެހެންކަމުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ދަށަށް ގެނައުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ.