އުމަރު ނަސީރު

އުމަރު ރައީސް ނަޝީދަށް: ތާރީޚު އޮޅުވައިނުލައްވާ! ރާއްޖެ އަޅުވެތިކުރީ ކަނޑުފޭރޭ މީހުނެއް ނޫން، ޕޯޗުގީޒު ދައުލަތުން

4

ގައުމީ ދުވަހުގެ މުނާސަބާގައި ރައީސް ނަޝީދު އެ ދުވަހުގެ ތާރީޚާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްދުދެއްވައިފި އެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އެ ދުވަހުގެ ތާރީޚާ ގުޅޭ ގޮތުން ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "މި ދުވަހަކީ އުތީމު ތަކުރުފާނާ އިތުރު ބަޔަކާ އެކު ހަނގުރާމަ ކުރައްވައި ރާއްޖެ ޕޯޗުގީޒު ފޭރޭ ބައެއްގެ ކަސްތޮޅުން މިނިވަން ކުރެއްވި ދުވަސް" ކަމަށެވެ.

ރައީސް ނަޝީދުގެ އެވާހަކަފުޅާ ގުޅިގެން މީސްމީޑިއާގައި ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. އެއީ ރާއްޖެ އަޅުވެތިކޮށްގެން ތިބީ ޕޯޗުގީޒު ކަނޑުފޭރޭ ބައެއްތޯ ނުވަތަ ޕޯޗުގީޒު ދައުލަތުންތޯ އެވެ.

އުމަރު ނަސީރު އޭނާގެ ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ދުވަހަކީ، ރާއްޖެ ހިފައިގެން ތިބި ޕޯޗުގީޒު ދައުލަތުގެ ލަޝްކަރު ބަލިކުރުމަށް ފަހު ޕޯޗުގީޒުންގެ ކިބައިން މި ގައުމު ސަލާމަތްކުރި ދުވަސް ކަމަށެވެ.

އުމަރު ނަސީރު ވިދާޅުވީ މުހައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރީން އަނދިރިއަނދިރީންގެ ފޭލިގެޔަށް ދިން ހަމަލާ އަކީ މިލިޓަރީ އުކުޅު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އުކުޅުތައަ އެކުލެވޭ ހަމަލާއެއް ކަމަށެވެ.

"މިކަން ކުޑަ ތަފްސީލަކާ އެކު މިދަންނަވައިލީ ހަނގުރާމައިގެ އުކުޅުތަކާއި މިލިޓަރީ ކަންކަން ދެނެވަޑައިނުގަންނަވާ ބައެއް ސިޔާސީ ބޭފުޅުން، މުހައްމަދު ތަކުރުފާނު މިރާއްޖެ ސަލާމަތްކުރެއްވީ ޕޯޗުގީޒު ދައުލަތުގެ ސިފައިގެން އަތުން ނޫންކަން ދޭހަވާ ގޮތަށް ވާހަކަދައްކަވައިފައިވާތީ އެވެ" އުމަރު ނަސީރު އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އުމަރު ވިދާޅުވީ، މި ގައުމަށް އަރައި ތިބީ ޕޯޗުގީޒު ދައުލަތުގެ ސިފައިންކަން ޔަގީން ކުރެވޭ މުހިއްމު ހެއްކަކީ ދިވެހީން ނަސާރާ ދީނަށް ގަދަކަމުން ވައްދަން މަސައްކަތް ކުރި ކުރުން ކަމަށެވެ. އެ ސިޔާސަތަކީ އޭރު ޕޯޗުގީޒު ދައުލަތުން މުޅި ދުނިޔޭގައި ވެސް ގެންގުޅެމުން ދިޔަ ސިޔާސަތެއް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު މިއަދު "ވަން އޮންލައިނބް" އަށް ވިދާޅުވީ ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަން ކުރި ފަހުން ޕިރާޑު ލިޔުއްވާފައިވާ "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" އެ ފޮތުން ވެސް ރާއްޖެ ހިފައިގެން ތިބީ ޕޯޗުގީޒު ދައުލަތުގެ ސިފައިންކަން އެނގޭ ކަމަށެވެ. އެ ގޮތުން އެމީހުން ލައިގެން ތިބީ ވެސް އެއިރު ޕޯޗުގީޒު ނޭވީން ބޭނުންކުރި ޔުނީފޯމު ކަމަށް އުމަރު ނަސީރު ވިދާޅުވި އެވެ.

"ކަނޑުފޭރޭ މީހުން ނޫޅޭނެ ދެއްތޯ ގައުމެއްގެ ރައްޔިތުންގެ ދީން ބަދަލުކުރާކަށް. އެމީހުނަށް އުޅެވުނީމަ ކަނޑުފޭރޭ މީހުނަށް ފުދޭނެ. އެމީހުންނަކީ އެއްވެސް ތަނަކަށް އަރައި އެ ގައުމުގެ މީހުންގެ ދީން ބަދަލުކުރާން އުޅޭ ބައެއް ނޫން." އުމަރު ނަސީރު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟