ޕޮލިސް

ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފުތާގެ ތެރޭގައި 458 ވެހިކަލެއްގައި ސްޓިކާ ޖަހައިފި

އާނިފާ ހުސެއިން ސިރާޖް

ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފުތާގެ ތެރޭގައި 458 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން އެންމެ ފުރަތަމަ ސްޓިކާ ޖެހުމުން ދައްކަން ޖެހޭ 250 ރުފިޔާގެ މަގުން ޖޫރިމަނާގެ ގޮތުގައި 114،500 ލިބޭނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން ޖުމުލަ 458 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު 105 ވެހިިކަލެއް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ވަނީ ގެންގޮސްފަ އެވެ.

މި މުއްދަތުގައި 44 އެކްސިޑެންޓް ހިނގިނަމަވެސް މި އެކްސިޑެންޓްތަކުގައި އަނިޔާވެފައި ވަނީ ފަސް މީހުންނަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުން ވަނީ އެކްސިޑެންޓުތަކާ ގުޅިގެން ހަތް މީހެއްގެ ލައިސަންސް ވެސް ހިފަހައްޓާފަ އެވެ.

ލައިސަންސް ނުލައި ވެހިކަލް ދުއްވުމުގެ 56 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 94 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާންތަކާ ހިލާފަށް ދުއްވުމުގެ 16 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ.

މި މުއްދަތުގެ ތެރޭގައި ޖުމުލަ 1332 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވޯތިނެސް ހަމަނުވާ 45 ވެހިކަލެއް ރިކޯޑުކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.