ޑރ. މުހައްމަދު ޖަމީލް އަހްމަދު

އިންތިހާބީ ކާމިޔާބަކީ ރާއްޖޭގެ އިސްލާމީ ވަހުދަތާ ކުޅެލަން ލިބޭ ލައިސަންސެއް ނޫން: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

އިންތިހާބީ ކާމިޔާބީ އަކީ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތާ ކުޅެލަން ލިބޭ ލައިސަންސެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިދާޅުވެއްޖެއެވެ.

ޗެނަލް13 އިން މިރޭ ގެނެސްދިން ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއާއި ކީރިތި ގުރުއާނަށް ފާޅުގައި ދެކޮޅުހަދައި ފުރައްސާރަ ކުރުމަކީ ދިވެހި މުޖުތަމައު އެކަމާ ދެކޮޅަށް ތެދުވާނެ ކަމެއް ކަމަށެވެ.

އަދި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދީނަށް ފުރައްސާރަކުރާ މީހުންނަށް މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

''ރާއްޖޭގެ ރައްޔިތުން މިއަދު ވަރަށް ހޭލުންތެރި އިނގޭތޯ. ވޯޓާ ހަމައަށް ދާއިރު ކޮންވެސް ގޮތަކުން ވޯޓު ލިބިދާނެ. އިންތިހާބުތަކުގެ ނަތީޖާއަކީ އެއީ ތިމަންނާމެންނަށް ލިބޭ ލައިސަންސެއް ކަމަށް ހީކޮށް ރާއްޖޭގެ ކޮންމެ އެއްޗަކާ ކުޅެލަން އިސްލާމީ ވަހުދަތާ ކުޅެލަން ނޫނީ ގާނޫނު އަސާސީގައި ބިންވަޅު ނެގިފައި ހުރި ކަންތައްތައް ފުނޑާލަން ނޫނިއްޔާ ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އަރައިގަންނަން އެއެއް ނޫން ދިވެހިން ވޯޓު ދިން ގޮތަކީ. އިންތިހާބުގެ ތެރޭގައި ގާނޫނު ހިމާޔަތް ކުރާނަމޭ ހަމަހަމަ ކުރާނަމޭ ޒީރޯ ޓޮލަރެންސް އޮންނާނެއޭ. އެހެނެއް ނުވި. އިންތިހާބީ ކާމިޔާބީ އަކީ ރާއްޖޭގައި އޮތް އިސްލާމީ ވަހުދަތާ ކުޅެލަން ލިބޭ ލައިސަންސެއް ނޫން.'' ޑރ. ޖަމީލު ވިދާޅުވިއެވެ.

އިސްލާމް ދީނަށް ހަޖޫޖަހަނީ ހަމަ އެއްބައެއް ކަމަށާއި މިއީ އެއް ނެޓްވޯކެއްގެ ތެރެއިން ހިންގާ ކަމެއް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި އެމަސައްކަތުގެ އެކި އެކި މަރުހަލާތަކުގައި މަސައްކަތްކުރި މީހުން ސަރުކާރުގެ އެކި ހިސާބުތަކުގައި މިހާރު ތިބިކަމީ ހަގީގަތެއް ކަމަށް ވެސް ވިދާޅުވިއެވެ. އިސްލާމްދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ބޮޑެތި ނެޓްވޯކްތަކުގައި ހިމެނޭ މީހުން ހޯދައި އެފަދަ މީހުން ސަރުކާރުގެ މަގާމުތަކުގައި ތިބިނަމަ އެބަޔަކު ވަޒީފާތަކުން ދުރުކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދައުލަތް ހިންގަނީ ރައްޔިތުން އަތުން ޓެކްސް ނަގައިގެންކަން ފާހަގަކުރައްވައި ޑރ. ޖަމީލު ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުންނަށް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާއިރު ދީނަށް ފުރައްސާރަކުރާ ބަޔަކަށް ރައްޔިތުންގެ ފައިސާއިން މުސާރަ ދޭން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓް ތައްޔާރުކުރި ފަރާތްތަކަށް މިހާރުން މިހާރަށް ހައްޔަރުކުރަންޖެހޭ ކަމަށާއި އެފަދަ މީހުން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބުމަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށާއި އިސްލާމީ ވަހުދަތާއި އަދި ގައުމުގެ ސިޔާދަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމައްސަލަ ތަހުގީގު ކުރަންޖެހޭނީ އެބަޔަކު ހިފައި ހައްޔަރުކޮށްގެން ކަމަށާއި ދޫކޮށްފައި ބައިތިއްބައިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

''މިއީ ވަރަށް ހައްސާސީ މައްސަލައެއް. އެކަން ބަލައި ފިޔަވަޅު އަޅަންޖެހޭ. އަޅުގަނޑުމެންނަށް އެބަފެނޭ ކޮމިޝަންތައް ހެދިގެންދާތަން. އަޅުގަނޑުމެންނަށް އެބަފެނޭ ބައެއް މީހުންގެ ޝަރީއަތްތައް ބާރަށް ކުރިއަށް ގެންދާތަން. ކީއްވެގެންތޯ މިއޮއްބޮޑު ކަންތައް ހިނގާ ދިޔައިރު ފިޔަވަޅު ނޭޅިގެން އުޅެނީ. މިހާ ގިނައިރުވެގެން ދިޔައިރު އަދިވެސް އެއްވެސް މީހަކު ހައްޔަރުކުރެވިގެން ނުދޭ. ކީއްވެގެންތޯ މިއަދުވެސް އެމީހުންނަށް ޓުވީޓުކޮށް ރައްޔިތުންނަށް ފުރައްސާރަކުރަން ފުރުސަތު ދީގެން އެތިބީ.'' ޑރ. ޖަމީލު ވިދާޅުވިއެވެ.

މިއީ ގައުމެއް ދެމި އޮތުމާއި ނެތުމާއި ގުޅުން ހުރި މައްސަލައެއް ކަމަށާއި މިއަދު އެފަދަ އަމަލުތައް ހިންގާ މީހުންނަށް އާހިރުގައި ނުކުންނާނެ ނަތީޖާ އިހުސާސް ނުކުރެވޭނެ ކަމަށެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކާއި އެ އާޔަތްތަކުގެ މާނައާއެކު ވިދާޅުވެ ދެއްވަމުން އެމަނިކުފާނު ދެއްކެވި ވާހަކައިގައި ވިދާޅުވީ ﷲގެ އަމުރުފުޅުތަކަށް އީމާން ނުވި މީހުންނަށް އަޒާބު ދެއްވާނެ ކަމަށާއި ހަމަ އެކަނި މާފަށް އެދުމަކުން ނުފުދޭނެ ކަމަށެވެ.

އިސްލާމީ މުޖުތަމައެއްގައި ވެސް އެންމެ މުހިންމު އަސާސަކީ މުޅި މުޖުތައުގެ މަސްލަހަތު ރައްކާތެރި ކުރުން ކަމަށާއި އެހެންކަމުން ރާއްޖެފަދަ ކުޑަ މުޖުތަމައެއްގައި ދީނަށް ފުރައްސާރަކުރާ ބަޔަކު ދޫވެފައި ތިބުމަކީ މުޅި މުޖުތަމައަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.