ހައިރައިޒް

އިންޑިއާގެ ފުރަތަމަ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ، އެޑެކްސް އިންޑިއާގެ އެމްބެސެޑަރަކަށް ޕަރިނީތީ ޗޯޕްރާ

މަރިޔަމް ޝަހުދާ

އިންޑިއާގެ މުމްބާއީގައި ފެށި އެގައުމުގެ ފުރަތަމަ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ، އެޑެކްސް އިންޑިއާގެ އެމްބެސެޑަރުކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ހަމަޖައްސައިފި އެވެ.

މި އެކްސްޕޯގެ އެމްބެސަޑަރަކަށް ޕަރިނީތީ ހަމަޖެއްސުމުން ގިނަ ބަޔަކު ހައިރާންވި ނަމަވެސް އޭނާ އަކީ މި އެކްސްޕޯގެ އެމްބެސަޑަރަކަށް އެކަށޭނަ ޕަބްލިކް ފިގާއެއްކަން ޕަރިނީތީ ވަނީ މިދިޔަ ހުކުރު ދުވަހު އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުންވެސް ދައްކައިދީފައެވެ. ޕަރިނީތީ އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއަކަށް ވީ ނަމަވެސް އޭނާ އެޑެކްސް އިންޑިއާގެ އެމްބެސަޑަރަކަށް ހަމަޖައްސާފައިވަނީ އޭނާގެ ހިތުގައި ޑައިވް ކުރުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެޑެކްސް އިންޑިއާ އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައ ވާހަކަ ދައްކަމުން ޕަރިނީތީ ވަނީ އޭނާ ފުރަތަމަ ޑައިވް ކުރުމަށް ހިތް ޖެހުނުގޮތް ހިއްސާކޮށްފައެވެ. އޭނާ ޑައިވް ކުރި ސަރަހައްދުތަކުގެ ވާހަކަ އާއި ޑައިވް ކުރުމުގައި ލިބިފައި ހުރި ތަޖުރިބާގެ ވާހަކަ މި އެކްސްޕޯގެ ފެށުމުގެ ރަސްމިއްޔާތުގައި ޕަރިނީތީ ހިއްސާކުރިއެވެ. މީގެ އިތުރުން އޭނާ ވަނީ ރާއްޖެއަށްވެސް ޑައިވް ކުރަން އައި ކަމަށާއި، ރާއްޖެއަކީ ޑައިވް ކުރަން އައުމަށް ވަރަށް ހިތްގައިމު މަންޒިލެއްކަން ފާހަގަ ކޮށްފައެވެ.

ޕަރިނީތީގެ ވާހަކައިގައި އޭނާ ވަނީ ފަރުތައް ހަލާކުވަމުން އަންނަ މައްސަލައާއި ގުޅިގެން ވާހަކަ ދައްކާފައެވެ. އޮސްޓްރޭލިއާގެ ދަ ގްރޭޓް ބެރިއާ ރީފްގައި ޑައިވް ކުރަން ލިބުނު ފުރުސަތުގެ ވާހަކަ ހިއްސާ ކުރަމުން ޕަރިނީތީ ބުނީ އެތަނުގެ ގުދުރަތީ ރީތިކަން ހަލާކުވާތަން ފެންނާތީ ދެރަވާކަމަށެވެ. އަދި ފަރުތައް ހަލާކުވިޔަ ނުދިނުމަށް އެންމެން އެކީ މަސައްކަތް ކުރަން ޖެހޭ ކަމަށް ޕަރިނީތީ ބުންޏެވެ.

މިއެކްސްޕޯ މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި އެކްސްޕޯގައި ދުނިޔޭގެ ބޮޑެތި ޑައިވް ޑެސްޓިނޭޝަންތަކާ ޑައިވް ސްކޫލްތަކާ ރިސޯޓްތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު މީހުން ތަގުރީރު ކުރާނެއެވެ. ޑައިވް އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ކައިމޫ ހޮޓެލްސް އެންޑް ރިސޯޓްސް، ވިލާ ހޮޓެލްސް، ކޮކޫން މޯލްޑިވްސް، އަދާރަން ރިސޯޓްސް، ޔޫއެން މީ ބައި ކޮކޫން، ހެރިޓެންސް އާރަށް، އައްޑޫ ޑައިވް، ޕެބްލްސް އިން އަދި މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން ހިމެނެއެވެ. ހައިރައިޒްއަކީ މި އެކްސްޕޯގެ ޕާޓްނަރެއްގެ ގޮތުގައި ހިމެނުނު ހަމައެކަނި ރާއްޖޭގެ ކުންފުންޏެވެ.

އެޑެކްސް އިންޑިއާ-މުމްބާއީ ޑައިވް ޝޯއަކީ އެގައުމުގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ޑައިވް އެކްސްޕޯއެވެ. އެޑެކްސް ބްރޭންޑަށް 25 އަހަރު ފުރިފައިވާ އިރު، އެޑެކްސް ބާއްވާ ތަންތަނުގެ ތެރޭގައި ސިންގަޕޫރު، މެނީލާ، ޝަންހާއީ އަދި ބެއިޖިން ހިމެނެއެވެ.

އެޑެކްސް އިންޑިއާގެ ޕާޓްނަރުންނަކީ ސިންގަޕޫރުގެ އޭޝިއަން ޖިއޮގްރަފިކް އާއި އިންޑިއާގެ އިވެންޓްސް ސޮލިއުޝަންގެ އިތުރުން ރާއްޖޭގެ ހައިރައިސްއެވެ.