ސީޕްލޭންގެ ހިދުމަތް ފެށުމަށް މަންޓާ އެއާގެ ފުރަތަމަ ސީޕްލޭންތައް އަންނަ ހަފްތާ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މަންޓާ އެއާއިން އިން ބުނީ، އެ ކުންފުނިން ގެންނަ ޑީއެޗްސީ-6 ޓްވިން އޮޓާގެ ދެ ސީޕްލޭން ރާއްޖެ އައުމަށް ކެނެޑާއިން އިއްޔެ ފުރާފައިވާ ކަމަށެވެ. އަދި 16،000 ކިލޯ މީޓަރުގެ ދިގު ދަތުރަކަށް ފަހު އެ ދެ ބޯޓަށް ރާއްޖެ އާދެވޭނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަށް ކަމަށް މަންޓާ އިން ބުނެއެވެ.
މަންޓާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މި މަސައްކަތަކީ އެ ކުންފުންޏަށް ކުރު މުއްދަތެއްގެ ތެރޭގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މަންޓާގެ ސީޕްލޭންގެ ހިދުމަތަކީ ވެސް އެ ކުންފުނީގެ ޑޮމެސްޓިކް ފްލައިޓުތަކެކޭ އެއްގޮތަށް އާންމުން ބަލައިގަންނާނެ ހިދުމަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މަންޓާ އެއާގެ ފުރަތަމަ ދެ ސީޕްލޭން އަންނަ ހަފްތާގެ ތެރޭގައި ރާއްޖެ ގެންނައިރު، މިމަހު ފަހުކޮޅު އިތުރު ތިންސީޕްލޭންގެ ސީޕްލޭން ގެންނަން ވަނީ ނިންމައިފައެވެ. އަދި މި އަހަރު ނިމޭއިރު މަންޓާގެ ފްލީޓުގައި 10 ސީޕްލޭން އޮންނާނެ ކަމަށް މަންޓާ އެއާއިން ބުނެއެވެ.
ސީޕްލޭންގެ ދަރުތުތައް ވެސް ކުރުމަށް ހަމަޖެހިފައިވަނީ ޑޮމެސްޓިކް ފްލައިޓްތައް ވެސް ދަތުރުކުރާ އުސޫލުން ވަކި ތާވަލެއްގެ މަތިންނެވެ.
މަންޓާ އެއާގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރު ފެބްރުއަރީ މަހުގައެވެ. އެ އެއާލައިނުން މިހާރު ދަތުރުތައް ކުރަނީ ހަމައެކަނި ދ. އަތޮޅަށާއި ބ. އަތޮޅާށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު އެހެން މަންޒިލްތަކަށް ދަތުރު ކުރަން ފަށާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.