ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު ފުރަން ގޮސް ހުއްޓައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
އިތުބާރު ހުރި ފަރާތަކުން "ވަން"އަށް މައުލޫމާތުދެމުން ބުނީ ސްކޫލުތަކުގެ އަންހެން ކްރިކެޓް ކުޅުންތެރިންގެ ޓްރެއިނިންތައް ކުރިއަށްގެންދިއުމުގައި ސީނިއާ ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން އެހީތެރިކަން ފޯރުކޯށްދެމުން އަންނަ ކަމަށާއި އެ ޓްރެއިނިންތަކުގައި ބައިވެރިވާ އަންހެން ކުދިންނަށް ގައުމީ ކޯޗު ޖިންސީ ފުރައްސާރަ ކުރާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރާ ކަމަށެވެ.
"އެކަމެއް ހިންގާތާ ދިހަ މަސް ވެއްޖެ ކަމަށް ބެލެނިވެރިން ބުނޭ. އެ ޝަކުވާ ބެލެނިވެރިން ވަނީ ކްރިކެޓް ބޯޑަށް ވެސް ހުށަހަޅާފައި. ޝަކުވާ ކުރުމުން ބޯޑުން ބެލެނިވެރިންނާ ބައްދަލުކުރި ނަމަވެސް، އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވޭ،" އޭނާ ބުންޏެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ މިއަދު ހެނދުނު 8:20 ހާއިރު 46 އަހަރުގެ ސައުތު އެފްރިކާގެ ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހިފަހައްޓާފައިވަނީ 18 އަހަރުން ދަށުގެ ކުދިންނާއި އަދި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހު ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.