ހއ އިން ހދ އަށް އެމްޓީސީސީން ދެމުން އައި އަތޮޅު ސްޕީޑް ފެރީގެ ހިދުމަތް އިތުރު ހަތަރު ރަށަކަށް ފުޅާކޮށްފި އެވެ.
މިއަހަރުގެ އޭޕްރީލް މަހު ހއ. ދިއްދޫ، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށި ގުޅާލައިގެން ދެމުން އައި ހިދުމަތް އިތުރު ހަތަރު ރަށަކަށް ދޭން ފަށާފައި ވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން އެމްޓީސީސީ އިން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ސްޕީޑް ފެރީގެ ހިދުމަތް އެމްޓީސީސީން ދޭން ފެށީ ހއ.ކެލާ، ހއ.ވަށަފަރު، ހއ. ފިއްލަދޫ، އަދި ހއ. ބާރަށަށެވެ.
މި ހިދުމަތް ދިނުމަށް އެމްޓީސީސީން ހަމަޖައްސާފައިވަނީ ހަފުތާއަކު ހަތަރު ދުވަހުއެވެ. އެއީ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
އޭޕްރީލް މަހު އެމްޓީސީސީން މި ފެރީގެ ހިދުމަތް ފުރަތަމަ ދޭން ފެށިއިރު ދަތުރަކަށް ނެގީ 150 ރުފިޔާއާއި 200 ރުފިޔާއާއި ދެމެދެވެ. އޭޕްރީލް މަހު ކުރިއަށް ގެންގޮސްފައިވަނީ ޓްރަަޔަލް ބުރެއްކަމަށާއި، މިއަދު ދަތުރުތައް ފަށާފައިވަނީ ރަސްމީކޮށްކަމަށް އެމްޓީސީން ބުނެ އެވެ.