ކުށް

ބިދޭސީ މީހާ ރަހީނު ކުރި މައްސަލައާ ގުޅިގެން ހަމީހަކު ހައްޔަރު ކޮށްފި

އިބްރާހިމް ޒަކީ

މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގައި މީހަކު ރަހީނު ކުރި މައްސަލައިގައި، މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ބިދޭސީއަކު ރަހީނުކޮށްފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު އެތަނަށް ފުލުހުން ގޮސް، ރޭގެ ވަގުތެއްގައި ރަހީނުކުރި މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ، 24 އަހަރުގެ ދެމީހުންނާއި 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއް ކަމަށެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުން ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ހޯމަ ދުވަހު ވެސް ވަނީ މާލޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައެއް ފެންމަތިވެފައެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު، ފުލުހުން ބުނީ އެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.