މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އުވާލައި، އެ ޖަމާއަތަށް ނިސްބަތްވާ ސަރުކާރުގެ އިސްވެރިން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ބޭން އެމްޑީއެން ހޭޝްޓެގް ބޭނުންކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ރާއްޖޭގެ ދިނީ ވަހުދަތު މުގުރާލަން އުޅޭ އެމްޑީއެން، ޖަމިއްޔާތަކާ ބެހޭ ގާނޫނާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އުވާލަން ޖެހޭ ކަމަށެވެ.
"މީގެ އިތުރުން ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މި ޖަމާއަތަށް (އެމްޑީއެން) ނިސްބަތްވާ ފަރާތްތައް ސަރުކާރުން ވަކިވެސް ކުރަން ޖެހޭ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން ގަސްތުގައި ހުއްޓުމެއް ނެތި ހިންގަމުންދާ ހަރަކާތްތަކާ މެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައިމިވަނީ 2015 ވަނަ އަހަރު "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ގުރުއާނާއި ސުންނަތް ދޮގުކޮށްފައިވާ ކަމަށާއި ގުރުއާނާއި ސުންނަތާ ހިލާފު ކަންކަން ހުރިކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކޮށް މި މައްސަލަ ވަރަށް ބޮޑަަށް ފެންމަތިވެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އެމްޑީއެންއާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕެއިނެއް ފަށައިގެން ކުރިއަށްދާ އިރު، އެ ކެމްޕެއިނުގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ފުލުހުން ވެސް މިހާރު ވަނީ އެ ރިޕޯޓުގެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.