ޖުމްހޫރީ ޕާޓީ

މުޖްތަމައު ފަސާދަކުރުމަށް ޑިމޮކްރަސީ ނެޓްވޯކުން ހިންގި އަމަލު ކުށްވެރިކުރަން: ޖޭޕީ

އާނިފާ ހުސެއިން ސިރާޖް

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ރައްދުކޮށް ދިވެހި މުޖްތަމައު ފަސާދަކުރުމަށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ހިންގި އަމަލު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޖޭޕީން ކުރި ޓުވީޓެއްގައި ބުނީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް ހިޔާލު ފާޅުކުރުމުގެ ނަމުގައި އިލްމީ ދިރާސާ ކުރުމުގެ ނަމުގައި އެންޑީއެން އިން ހިންގި އަމަލު ކުށްވެރިކުރާ ކަމަށެވެ.

"އިސްލާމް ދީނުގެ އަސްލުތަކާ ހިލާފަށް، ހިޔާލު ފާޅުކުުރުމުގެ ނަމުގައި އިލްމީ ދިރާސާ ކުރުމުގެ ނަމުގައި އިސްލާމް ދީނަށާއި މާތް ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަ އަށް ބަދުބަސް ރައްދުކޮށް މި ދިވެހި މުޖުތަމައު ފަސާދަކުރުމަށް އެމްޑީއެން އިން ހިންގި އަމަލު ކުށްވެރިކުރަން،" ޖޭޕީން ބުންޏެވެ.

ޖޭޕީން މިހެން ބުނެފައިމިވަނީ، 2015 ވަނަ އަހަރު "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން (އެމްޑީއެން) އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ގުރުއާނާއި ސުންނަތް ދޮގުކޮށްފައިވާ ކަމަށާއި ގުރުއާނާއި ސުންނަތާއި ހިލާފު ކަންކަން ހުރިކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް ނުރުހުން ފާޅުކޮށް މި މައްސަލަ ވަރަށް ބޮޑަަށް ފެންމަތިވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އެމްޑީއެންއާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕެއިނެއް ފަށައިގެން ކުރިއަށްދާ އިރު، އެ ކެމްޕެއިނުގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. ފުލުހުން ވެސް މިހާރު ވަނީ އެ ރިޕޯޓުގެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.