އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާ ކުރުމަށްފަހު، މައާފަށް އެދި ބަޔާން ނެރުމަކުން ނުފުދޭ ކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ތައުބާން ވާން ޖެހޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިހު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުމަށްފަހު އެ ރިޕޯޓް އެ ނެޓްވޯކްގެ ސައިޓުން ނަގައި މައާފަށް އެދިފައިވަނިކޮށް ޝެއިހު އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއުންމަތުގެ މާތް ނަބިއްޔާއަށް މަލާމާތްކޮށް ފުރައްސާރަކޮށް ރިޕޯޓު ނެރުމަށްފަހު، މައާފަށް އެދި ބަޔާން ނެރުމަކުން ނުފުދޭނެ ކަމަށެވެ.
"އެފަދަ ޖަރީމާއެއް ހިންގާ މީހުންގެ ހުކުމް މިއާޔަތުގައި މިވަނީ، މިޖަރީމާ ހިންގި މީހުން ޖެހޭނީ ތައުބާވާން އިސްލާމް ދީނަށްވުރެ މަތީގަ އެއްވެސް މީހަކަށް ނުހުރެވޭނެ،" އިލްޔާސް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ. އެ ޓުވީޓުގައި ޤުރުއާނުގެ އާޔަތެއްވެސް ޕޯސްޓް ކުރައްވާފައިވެއެވެ.
އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުމަށްފަހު އެމްޑީއެންއިން މައާފަށް އެދި، އެކަން ތަކުރާރު ނުކުރާނެ ކަމަށް ބުނެފައިވަނިކޮށް، އެ ނެޓްވޯކްގެ ރައީސާ ޝަހިންދާ އިސްމާއީލް ވަނީ އިސްލާމިކް މިނިސްޓްރީއަކީ ގައުމުގެ ހަލާކު ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެންވެސް ގިނަ ބަޔަކު އަންނަނީ އޭނާއަށާއި އެމްޑީއެންއަށް ފާޑުކިޔައި، އެ ނެޓްވޯކް ބަންދުކުރަން ގޮވައިލަމުންނެވެ.