އިސްލާމްދީނުގެ ދިފާއުގައި ދިވެހި ރައްޔިތުން ތެދުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ނެޓްވޯކަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ ފަހަރަކު ބުރަ މަސައްކަތުން ސަރުކާރު ގެންނަނީ “ހެޔޮ ގޮތް" ހޯދަން ކަމަށެވެ. އެ ގޮތް އޮތީ އިސްލާމް ދީނުގައި ކަމަށާއި ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައެއް ނުގަނެވޭނެ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
" ދީނުގެ ދިފާއުގައި ދިވެހިން ތެދުވާނެ،" ޑރ.ޖަމީލު ވިދާޅުވިއެވެ.
އެމްޑީއެންއިން މީގެ ދެތިން އަހަރު ކުރިން އާންމު ކުރި އެސެސްމެންޓް ރިޕޯޓްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައާ ގުޅިގެން އެމްޑީއެންއިން ވަނީ މައާފަށް ވެސް އެދިފައެވެ.
އެހެންނަމަވެސް މައާފަށް އެދުމުން ނުފުދޭ ކަމަށާއި އެމްޑީއެންގެ މީހުން ތައުބާވާން ޖެހޭ ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން އަންނަނީ ވިދާޅުވަމުންނެވެ.