އިސްލާމްދީން އަދި ކީރިތި ގުރުއާނުގައި ކަނޑައެޅިގެން ބަޔާން ކުރައްވާފައިވާ ބައެއް ކަންކަމާ ހިލާފަށް ލިޔެފައިވާ ބައެއް ވާހަކަތައް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި ރިޕޯޓުގެ މައްސަލަ ފުލުހުން ތަހުގީކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އެމްޑީއެން ރިޕޯޓުގައިވާ އިސްލާމްދީނާ ހިލާފުވާ ކަމަށް ބެލެވޭ ބައެއް ކަންކަން އެ ސާވިސް އިން ބަލަމުންގެންދާ ކަމަށެވެ.
އެމްޑީއެން އިން އާންމުކުރި އެ ރިޕޯޓުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އިސްލާމިކް މިނިސްޓަރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ރިޕޯޓަކީ އިސްލާމްދީނުގެ އިތުރުން ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާ ހިލާފަށް ވާ ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓުގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަށް ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެމްޑީއެން އިން 2015 ވަނަ އަހަރު ނެރުނު ''ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް'' ރިޕޯޓުގައި ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށާއި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމާ ދެކޮޅަށް ލިޔެފައިވެއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ އިރު، އެމްޑީއެންއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ވެސް ވަނީ ފަށައިފައެވެ.
އެކަމުގެ ފިއްތުންތަކާ ގުޅިގެން އެމްޑީއެން އިން އިއްޔެ ވަނީ މައާފަށް އެދި އެ ރިޕޯޓު އިސްލާހުކުރުމަށް އަނބުރާ ގެންގޮސްފައެވެ. އެމްޑީއެން އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރިޕޯޓުގައި ހިމެނޭ ބައެއް ބައިތަކުގައި ބޭނުންކޮށްފައިވާ ބަހުރުވަ އާއި ވާހަކަތައް ގެނެވިފައިވާ ގޮތަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށް އެ ޖަމިއްޔާއިން ގަބޫލު ކުރާ ކަމަށާއި އަދި ރިޕޯޓު ގެނެވިފައި އޮތް ގޮތުން މައާފަށް އެދޭ ކަމަށެވެ.
އަދި އެ ޖަމިއްޔާއަކީ އިސްލާމްދީނާއި ދިވެހި ސަގާފަތާއި ދިވެހި ގާނޫނުތަކަށް އިހްތިރާމްކުރާ ޖަމިއްޔާއެއް ކަމަށާއި މިފަދަ ރިޕޯޓެއް އެ ޖަމިއްޔާއިން ތަކުރާރު ނުކުރާނެ ކަމަށް ވެސް އެމްޑީއެންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓް އަލުން އިސްލާހު ކުރުމަށް އެ ޖަމިއްޔާގެ ރިޕޯޓް ވަގުތީ ގޮތުން މިހާރު އަނބުރާ ގެންގޮސްފައިވާނެ ކަމަށެވެ.
އެމްޑީއެން އިން ބުނީ، ރިޕޯޓާ ގުޅިގެން ޖަމިއްޔާއަށާއި ޖަމިއްޔާގެ ބައެއް މެމްބަރުންނަށް ފާއިތުވި ދުވަސްތަކުގެ ތެރޭ ނުހަނު ގިނަ ފުރައްސާރަ އާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި ބައެއް ފަރާތްތަކަށް އިންޒާރުދީ، ފުރާނައަށް ގެންލުން ދޭނެ ކަމަށް ބުނަމުން އަންނަ ކަމަށެވެ.
ނަމަވެސް މިއީ އިސްލާމީ ރިވެތި އުސޫލު ކަމަށް އެ ޖަމިއްޔާއިން ނުދެކޭ ކަމަށާއި އެފަދަ ރިޕޯޓަކާ މެދު ހިތްހަމަނުޖެހުމެއް އުފެދިއްޖެނަމަ، ސުލްހަވެރިކަމާއެކު އެކަމެއް ރަނގަޅު ކުރުމަށް ނަސޭހަތްތެރި ވުމަށް ވެސް ބަޔާނުގައި އެދިފައިވެއެވެ.