ހުތުބާ

"މުއުމިނުން އިމްތިހާނު ކުރެވޭނެ، އެފަދަ ހާލަތްތަކުގަައި ރީތި ސިފަ އިސްކުރަންޖެހޭ"

ފަތޯނާ ފާއިޒު

މުއުމިނުންނަކީ މިދުނިޔެމަތީގައި އިމްތިހާނު ކުރެވޭ ބައެއް ކަމަށާއި އެފަދަ ކޮންމެ ހާލެއްގައިވެސް ރިވެތި ސިފަތައް އިސްކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ނަސޭހަތްދީފައިވަނީ "އިސްލާމް ދީނަކީ ރިވެތި އަހްލާގުގެ ދީން"" މި މައުލޫއަށެވެ. ހުތުބާގައި ބުނީ އިސްލާމްދީނަކީ ރިވެތި އަހުލާގާއި މަތިވެރި ސުލޫކު އުނގަންނައިދިނުމަށް ﷲ ބާވައިލެއްވި ދީން ކަމަށެވެ.

އަދި އިސްލާމްދީނުގެ ރީތި ސިފަަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސިފަތަކެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ވަނީ ބައެއް މުސްލިމުންގެ ފަރާތުން އެސިފަތައް އެކަށީގެންވާ މިންވަރަށް ނުފެންނަކަން ހިތާމައާއެކީގައި ފާހަގަކުރާ ކަމަށް ބުނެފައެވެ.

ރިވެތި ސިފަތަކުގެ ތެރެއިން ކެތްތެރިކަމަކީ އިސްލާމްދީނުގައި ބާރު އަޅާ ސިފައެއްކަން މިއަދުގެ ހުތުބާގައިވަނީ ފާހަގަކޮށްފައެވެ. އެ ސިފައަކީ ގިނަ ކުށްތަކާއި، ހަވާ ނަފްސުގެ އެދުންތަކުން އިންސާނާ ރައްކާތެރިކޮށްދޭނެ ސިފައެއް ކަމަށާއި ހިތާމަވެރިކަމެއް ދިމާވުމުން އެކަންކަމުގައިވެސް ކެތްތެރިކަމުގެ ސިފަ އިސްކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިިވެފައެވެ.

"ދުނިޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ސިއްހަތު ސަލާމަތުން ހުންނައިރެވެ. އަނެއްބައި ފަހަރު ބަލިމަޑުކަމާ ކުރިމަތިވެއެވެ. ބައެއް ފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭއިރު، އަނެއްބައި ފަހަރު ދަތި ހާލުގައި އުޅެން ޖެހެއެވެ. އަދި ބައެއް ފަހަރު އަހަރެމެން ލޯބިކުރާ ދަރިންނާ މުދަލާ ގެދޮރާ އަހަރުމެންގެ ލޯމަތީގައި ސަލާމަތުން ހުރެއެވެ. ނަމަވެސް ދިމާވާ ހާދިސާއެއްގައި މި ހުރިހާ އެއްޗެއް ނެތި ފަނާވެ ދެއެވެ. މިއިިން ކޮންމެ ކަމަކީ ﷲގެ އިމްތިހާނެވެ. އަހަރުމެން ޖެހޭނީ މިކަންކަމުން ފާސްވާށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ މުސްލިމުން އެހެން މީހުންނާ މުހާތަބު ކުރަންޖެހެނީވެސް ރިވެތިކޮށް ކަަމަށެވެ. އެގޮތުން ކިތަންމެ ނުބައި މީހަކާ މެދުވެސް ވާހަކަ ދައްކަން ޖެހޭނީ ރިވެތި ބަހުން ކަމުގައި ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.