މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެންގެ މީހުންނާ މެދު ނަފުރަތު އުފައްދަން މަސައްކަތް ކުރާ ކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައިވަނީ ޑިމޮކްރަސީ ނެޓްވޯކާއި ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައަކާއި ގުޅިގެން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.
ސޯޝަލް މީޑިއާގައި ޑިމޮކްރަސީ ނެޓްވޯކުން އާންމު ކުރި ރިޕޯޓެއްގައި އިސްލާމް ދީނުގެ ބައެއް ކަންކަމަށް ހަޖޫ ޖަހާފައިވާކަމަށް ބުނެ އާންމުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ފުލުހުންނާއި ސުވާލު ކޮށްފައިވަނީ މި ރިޕޯޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެވި، އެ މައްސަލަ ބަލަމުން ދޭތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި ބަލަމުން އަންނަނީ ޑިމޮކްރަސީ ނެޓްވޯކުގެ ބައެއް މީހުން ހިމެނޭ ގޮތަށް ވަކި ބައެއްގެ ފޮޓޯއާއި މައުލޫމާތު ހިމަނައިގެން، އެމީހުންނަކީ އިސްލާމް ދީން ނައްތާލުމަށް މުގުލުގައި ތިބި މީހުންކަމަށް ބުނެ، ބަޔަކު ނަފުރަތު އުފައްދަން މަސައްކަތް ކުރާ މައްސަލަ ކަމަށެވެ.
ފުލުހުން ބުނީ މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލައިގެ ތެރެއިން ޑިމޮކްރަސީ ނެޓްވޯކުން ނެރެފައިވާ ރިޕޯޓުގެ މައްސަލަވެސް ބަލާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ 2015 ވަނަ އަހަރު "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ނަމުގައި ޑިމޮކްރަސީ ނެޓްވޯކުން ތައްޔާރުކޮށްފައިވާ ރިޕޯޓާ ގުޅޭ ގޮތުންނެވެ. ގިނަ ބަޔަކު އަންނަނީ މި ރިޕޯޓުގައި ގުރުއާނާއި ސުންނަތް ދޮގުކޮށްފައިވާ ކަމަށާއި، ޤުރުއާނާއި ސުންނަތާއި ހިލާފު ކަންކަން ހުރިކަމަށް ބުނެ ޑިމޮކްރަސީ ނެޓްވޯކް އުވާލުމަށް ގޮވަމުންނެވެ.