ޝަރުއީ ދާއިރާ

2021ގެ ނިޔަލަށް ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމަނީ

ފަތޯނާ ފާއިޒު

ދެހާސް އެކާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބަލައި ނިންމުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ މިއަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން ހިމެނޭ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާހް ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މައިގަނޑު ދާއިރާއަކުން ކަންކަން ހިމަނާފައިވާއިރު، އޭގެ ތެރެއިން ހެޔޮވެރިކަމުގެ ދަށުން ހިމަނާފައިވާ އެއް ކަމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިހާތަނަށް އައިއިރު، ބޮޑެތި މަޝްރޫއުތައް ފެށިފައި ނުވަނީވެސް، ޝަރުއީ ދާއިރާ އިސްލާހުކޮށް، އަދުލު އިންސާފު ގާއިމު ކުރުމުގެ މަސައްކަތަށް ދޭ އަހައްމިއްޔަތުކަމުގެ ބޮޑު ކަމުން ކަމުގައި ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ސަރުކާރުން ކުރާ ކަންކަން ނިންމާނެ ތާރީހުތައް ބަޔާން ކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް 2021 ވަނަ އަހަރު ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ޖޭއެސްސީން ނިންމާފައިވަނީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ. އެ ކޮމިޝަނުން އެކަން ކުރަން ނިންމީ، އެކަމަށް އެދި ރައްޔިތުންގެ މަޖިލީހުން އެކޮމިޝަނަށް ސިޓީއެއް ފޮނުވުމުންނެވެ. އެ ސިޓީގައި ވަނީ ފަނޑިޔާރުންގެ ފެންވަރު ބެލުމަަކީ ޖޭއެސްސީގެ ޒިންމާއެއް ނަމަވެސް، އެކަން ނުކުރާތާ ފަސް އަހަރުވެފައިވާ ކަމަށެވެ.

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި، ޝަރުއީ ދާއިރާއިން ހާސިލް ކުރަން ހިމަނާފައިވާ އިތުރު ކަންކަމުގެ ތެރޭގައި މި ފަސްއަަހަރު ނިމޭއިރު ކޮންމެ ފަނޑިޔާރެއްގެ މާލީ ބަޔާން މަދުވެގެން އެއްފަހަރު އާންމު ކުރެވިފައިވުމާއި، އިންތިގާލީ އަދާލަތުގެ ނިޒާމަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ.