މާލެ އާއި ވިލިނގިއްޔާ ދެމެދު ކަނޑުގައި ނަގިލި ލައިގެން ތިބެ އުޅަނދު ފަހަރަށް ތެޔޮ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ އެހެން ވިދާޅުވީ މިދިޔަ ހޯމަ ދުވަހު މާލޭގެ ޓީ ޖެޓީ ސަރަހައްދުގައި ލޯންޗަކާއި ތެޔޮ ބަރުޒަރެއްގައި ރޯވި ހާދިސާ ފެންމަތިވެފައި ވަނިކޮށެވެ.
މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތެޔޮ ވިއްކާ ފަރާތްތަކުގެ އަތުގައި އަބަދުވެސް ބާޖު ފަދަ އުޅަނދު ހުންނައިރު، މާލެ އާއި ވިލިނގިއްޔާއި ދެމެދު ކަނޑުގައި ނަގިލި ލައިގެން ތިބެ އުޅަނދުފަހަރަށް ތެޔޮ ވިއްކޭނެ ގޮތް ހެދުމުން ކަނޑު އުޅަނދުފަހަރަށް ވެސް ފަސޭހަވާނެ ކަމަށެވެ.
މިކަން މިހެން ކުރުމުން "ރައްކާތެރިވެސް ވާނެ" ކަމަށް މޫސަ އިތުރަށް ވިދާޅުވިއެެވެ.
މިދިޔަ ހޯމަ ދުވަހު ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ. އަދި އޭގެތެރެއިން ފަސް ތެޔޮ ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އެނދިއިރު، ހާދިސާގައި ނުވަ މީހަކު ފިހި އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.