ޝަހީދާ އަބްދުﷲ ސައީދު
ޓެރަރިޒަމްގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާއެކު އެ ގާނޫނު ފާސްވި ނަމަވެސް، ރާއްޖޭގައި ދީނީ އިލްމު ފެތުރުމާއި އުނގެނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ގާނޫނު ފާސްވުމާ ގުޅިގެން ރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގައި އިލްމުވެރިންނަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ ބައެއް އިލްމުވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނު ފާސްވުމާ ގުޅިގެން ދީނީ އިލްމު ފެތުރުމާއި އިލްމު އުނގެނުމަށް އެއްވެސް ވަރެއްގެ ހުރަހެއް ނެތް ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނުގައި ޓެރަރިޒަމްގެ ކުށެއް ކަމަށް ބެލެވޭނެ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށް ވިދާޅުވިއެވެ.
''ދީނީ އިލްމު ފެތުރުމާއި ދީނީ އިލްމު އުނގެނުމަކަށް ހުރަސްއެޅޭނެ އެއްވެސް ސަބަބެއް ޓެރަރިޒަމްގެ ގާނޫނަކު ނެތް. އެހެންވީމަ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދީނީ އިލްމު ފެތުރުމާއި ދީނީ އިލްމު އުނގެނުމަކަށް އެއްވެސް ހުރަހެއް އެޅި ދަތިވެގެން ނުދާނެ,'' މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާނު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަކީ މީހުންނަށް އަދަބު ދިނުމަށް ހެދި ގާނޫނެއް ނޫން ކަމަށެވެ. ނަމަވެސް މީހުންގެ ފުރާނައާއި މުދަލަށް ގަސްދުގައި ގެއްލުން ދިނުމަށް ހިންގާ ކަންކަމަކީ ސީދާ ޓެރަރިޒަމްގެ އަމަލުތައް ކަމަށްވާތީ އެކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދީނުގެ ނަމުގައި ހިންގާ ހަަރުކަށި އަމަލުތަކާއި ދީނާ ދެކޮޅުވެގެން ހިންގާ ހަރުކަށި އަމަލުތަކަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް އިމްރާނު ވިދާޅުވިއެވެ.
މީގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.