ސީޕީ މުހައްމަދު ހަމީދު

ޔާސިރަކީ ދުނިޔޭގެ ހަތަރު ގައުމެއްގައި ހިންގި ޓެރަރިސްޓް ހަމަލާތަކުގައި ބައިވެރިވި މީހެއް: ޕޮލިސް ކޮމިޝަނަރު

ޝަހީދާ އަބްދުﷲ ސައީދު

1

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި މިހާރު ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހަކީ ދުނިޔޭގެ ހަތަރު ގައުމެއްގައި ހިނގި ޓެރަރިސްޓް އެކި ހަރަކާތްތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ ބަންދުގައި ހުރި ޔާސިރަކީ ޔަމަން، އޮމާން، ޕާކިސްތާން، އަދި މެލޭޝިއާގައި ހިންގާފައިވާ ޓެރަރިސްޓް އެކި ހަމަލާތަކުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުމުގެ އިތުރުން ޖަލުގައި ވެސް ޔާސިރު ދުވަސްތައް ހޭދަކޮށްފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

''ޔާސިރަކީ ޔަމަން، އޮމާން، ޕާކިސްތާން، މެލޭޝިއާގައި ހިންގާފައިވާ ޓެރަރިސްޓް އެކި ހަމަލާތަކުގައި ހައްޔަރުކޮށްފައިވާ މީހެއް. އަދި ބަންދުގައި ބަހައްޓައި ޖަލުގައި ވެސް ޔާސިރު އެތައް ދުވަސްތައް ހޭދަކޮށްފައިވޭ. ރާއްޖޭގައި ޔާސިރު އަދާކުރަމުން ދިޔަ ވަޒީފާގެ ތެރޭގައިވެސް، ރާއްޖޭގައި ހިނގައިދިޔަ ޓެރަރިޒަމަށް ވާގިވެރިވާ، ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ. އަދި ފުލުހުން ދަންނަ ބައެއް ފަރާތްތަކާއި ޔާސިރު ގުޅުންތައް ބާއްވަމުން ދިޔަކަންވެސް ފުލުހުންގެ އިދާރާއަށް ވަނީ އެނގިފައި،'' ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ސަލާމަތީ އިދާރާތަކުން ވެސް ޔާސިރާ ބެހޭ މައުލޫމާތު ދިވެހި ފުލުހުންނަށް ދީފައި އެބަހުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހަމީދު ވިދާޅުވީ ޔަމަން އޮތީ ހަނގުރާމައިގެ ހާލަތުގައިކަމަށްވާތީ، އޭނާއާ ގުޅޭ ލިޔުމެއް އެގައުމުން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި އެފަދަ ރެކޯޑުތަކެއް އޮތް މީހަކު ދިވެހި މުޖުތަމައުގެ ތެރެއަށް ދޫވެފައި ހުރުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މާލޭގައި އަރަބި ޓީޗަރަކަށް އުޅުނު ޔާސިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ގަވާއިދާ ހިލާފުވާ ބިދޭސީން ބައިތިއްބާ ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ގެންދިޔައީ 3 މާޗް 2017، ގައެވެ.

ނަމަވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން އޭނާ ފެށި ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތު ދަށްވުމުން މިހާރު އޭނާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އައިޖީއެމްއެޗުން ބުނެފައިވަނީ އަދިވެސް ޔާސިރު ގޮތް ދޫކުރަން ބޭނުން ނުވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟