އެމްއާރްއެމް

އެމްއާރުއެމް އުފައްދަން ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްކޮށް ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ދެއްވާފައެވެ. އަދި އެކަމުގެ ލިޔުންވެސް ހަވާލުކޮށްފައެވެ. ޔުމްނާއަށް މި ލިޔުން ހަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އެވެ.

އެމްއާރުއެމްގެ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައެވެ. އެމްއާރުއެމް އުފައްދަން ދީފައިވާ ހުއްދައިގެ ދަށުން 3313 މެންބަރުޝިޕް ފޯމު އީސީއަށް ހުށަހަޅާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ގައެވެ.

އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް މަސައްކަތްކުރުމުގެ ހުއްދަ ފުރަތަމަ ދޫކޮށްފައިވަނީ ހަޔައެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށެވެ. ނަމަވެސް ފަަހުން ވަނީ އެ ހުއްދަ ޔުމްނާ މައުމޫނަށް ދީފައެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުން އެޕާޓީ ވެގެންދާނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދާ ތިން ވަނަ ސިޔާސީ ޕާޓީއަށެވެ.

ރައީސް މައުމޫން އިސް ހުންނަވައި އެންމެ ފުރަތަމަ އުފެއްދެވި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އެވެ. އަދި ފަހުން މިހާރު ސަރުކާރާ އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދެވިއެވެ. ނަމަވެސް އެ ޕާޓީގެ ކޮންޓްރޯލް ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވައި މައުމޫނާއި ޕީޕީއެމްގެ މުއައްސިސް އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް ޕީޕީއެމުން ވަކިކުރިއެވެ.