ހައުސިން މިނިސްޓްރީ

ނޮޅިވަރަންފަރުގައި ބޯހިޔާވަހިކަން ނުލިބި ތިބި އާއިލާތަކަށް ސަރުކާރުން ފައިސާގެ އެހީ ދޫކުރަން ފަށައިފި

އިބްރާހިމް ޒަކީ

ހދ. އަތޮޅުގެ ތިން ރަށަކުން އެއަތޮޅު ނޮޅިވަރަންފަރަށް ބަދަލު ކުރި، އާއިލާ ތަކުގެ ތެރެއިން، މިހާތަނަށް ދާއިމީ ބޯހިޔާވަހިކަން ނުލިބިތިބި އާއިލާތަކަށް ފައިސާގެ ބަދަލުގެ ގޮތުގައި، ސަރުކާރުން ދޭން ނިންމި ފައިސާގެ ތެރެއިން ބައެއް، މިއަދު އެ އާއިލާތަކަށް ދޫކުރަން ފަށައިފިއެވެ.

ހދ. މާވައިދޫ އާއި ފަރިދޫ އާއި ކުނބުރުދޫ މީހުން 2011 ވަނަ އަހަރު ނޮޅިވަރަން ފަރަށް ބަދަލުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން 52 އާއިލާއަކަށް މިހާތަނަށް އައި އިރުވެސް ވަނީ ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްނުދީއެވެ.

އެ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގެ އިމާރާތް ކުރުމުގެ މަޝްރޫއުތަކެއް ވޭތުވެދިޔަ ސަރުކާރުތަކުން ފެށި ނަމަވެސް ފުރިހަމަ ނުވެ އެކި ސަބަބުތަކާހުރެ ވަނީ ހުއްޓިފައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ އެ ފަރާތްތަކަށް މި ސަރުކާރުން ބޯހިޔާވައިކަން ފޯރުކޮށްދޭނެ ކަމަށާއި، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރިކޮށްދިނުމަށް ގެދޮރު އެޅުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލްމަހު ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމާލެވޭވަރު ވާނެ ކަމަށެވެ.

އެ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ހަމަޖައްސައިދިނުމުގެ އިތުރުން، މިހާދުވަސް ވީއިރުވެސް ބޯހިޔާވަހިކަމެއް ނެތި އެ އާއިލާތައް ހާލުގައި އުޅެން ޖެހިފައިވާތީ، ފައިސާގެ ބަދަލެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވަހީދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ނޮޅިވަރަން ފަރުގައި ދިރިއުޅޭ 52 އާއިލާއަކަށް ސަރުކާރުން ފައިސާގެ ބަދަލު ހަމަޖައްސައިދީފައިވާ ކަމަށާއި، ކަނޑައެޅިފައިވާގޮތުގެ މަތިން، އެ ފައިސާގެ ތެރެއިން މިއަހަރު އެ އާއިލާތަކަށް ދޫކުރަންޖެހޭ ބައި ހައުސިންގ މިނިސްޓްރީން ކައުންސިލަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ފައިސާގެ ހައްގުވެރިންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް މިއަދު ކައުންސިލުން ފަށާފައިވާ ކަމަށާއި، އެ ފައިސާ ހައްގުވާ ކަމަށް މިނިސްޓްރީން ފޮނުވި ލިސްޓުގައި ހިމެނޭ ފަރާތްތައް ކައުންސިލަށް އައުމުން ފައިސާ ދޫކުރަމުން ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، އެ ލިސްޓުގައި މިހާރު ދުނިޔޭގައި ނެތް މީހުން ހިމެނިފައިވުމުން އުނދަގޫތަކެއް ދިމާވާ ކަމަށާއި، ނަމަވެސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން މިނިސްޓްރީން އަންގާ ގޮތަކަށް އެކަންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ، ނުވަ އަހަރު ވެގެންދާއިރުވެސް، 2011 ވަނަ އަހަރު ނޮޅިވަރަން ފަރަށް ބަދަލުކުރި މާވައިދޫ އާއި ފަރިދޫ އާއި ކުނބުރުދޫ، އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ނުވުމަކީ ކުރީގެ ސަރުކާރުތަކުން ވެފައިވާ ވަރަށްބޮޑު އިހުމާލެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ އިތުރުން ފައިސާގެ ބަދަލުގެ ގޮތުގައި 18،444،000،520 (އަށާރަ މިލިޔަން ހަތަރުލައްކަ ސާޅީސް ހަތަރުހާސް ފައްސަތޭކަ ވިހި ރުފިޔާ) އެ އާއިލާތަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ޝާމިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށު ކައުންސިލަށް ފޮނުވައިގެން އެ އާއިލާތަކަށް މި ފައިސާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ މަރުހަލާގައި ދޫކުރަންޖެހޭ ފައިސާ މިހާރު ކައުންސިލަށް ފޮނުވާފައިވާ ކަމަށާއި، ދެވަނަ މަރުހަލާ އާއި ތިންވަނަ މަރުހަލާގައި ދޫކުރަންޖެހޭ ފައިސާ އަންނަ އަހަރު ކައުންސިލާ ހަވާލު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.