މުވާސަލާތީ ކުންފުނި ދިރާގުގެ 31 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މީސްމީޑިއާގައި މުބާރާތެއް ފަށައިފިއެވެ.
ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ފެށި މި ކޮންޓެސްޓްގައި ބައިވެެރިވާ ފަރާތްތަކުން ފޭސްބުކް، ޓްވިޓަރ އަދި އިންސްޓެގްރާމްގައި ދިރާގުން ޝެއާ ކޮށްފައިވާ ކޮންޓެސްޓާ ގުޅޭ ޕޯސްޓަށް ކޮމެންޓު ކުރަންޖެހެއެވެ. ޕޯސްޓަށް ކޮމެންޓް ކުރާ ފަރާތްތަކުން، ހޭޝްޓެގް31ވިތުދިރާގު އިނގެރޭސީން ޖެހުމަށްފަހު، ދިރާގާއެކު އެމީހަކަށް ކުރެވުނު އެންމެ ރަނގަޅު ނުވަތަ ހާއްސަ ތަޖުރިބާ ހިއްސާ ކުރަންޖެހެއެވެ.
ދިރާގުގެ އަހަރީ ދުވަސްކަމުގައިވާ އޮކްޓޯބަރު އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ތިންވަނަ ދުވަސް (މާދަމާގެ) ނިޔަލަށް ކުރިއަށް ގެންދާ މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުން ކުރާ ކޮމެންޓަކީ، މުބާރާތުގެ ތީމް "ބެސްޓް މޮމެންޓް ވިތު ދިރާގު" އާ ގުޅޭ ކޮމެންޓަކަށް ވާންޖެހޭ ކަމަށް އެކުންފުނިން ބުނެއެވެ.
މި މުބާރާތުގެ ވަނަ ހޮވަނީ ތީމާ ގުޅޭ ކޮމެންޓު ކުރި މީހުންގެ މެދުގައި ނަގާ ގުރަކުންނެވެ. ގުރު ނެގުން އޮންނާނީ މިމަހުގެ ހަވަނަ ދުވަހުއެވެ. އަދި ގުރުނަގައިގެން ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް އެލްޖީ ސިކްސްޓީ ފައިވް ފޯކޭގެ ސްމާޓް ޓީވީ އަކާއި ބޯސް ސައުންޑް ބާއެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
އެކުންފުނިން ބުނީ އަހަރީ ދުވަހާ ގުޅިގެން ފެށި މުބާރާތުގައި އެކުންފުނީގެ މުވައްޒަފުންނާއި، އެމީހުންގެ އާއިލާގެ މެމްބަރުންނަށް ބައިވެރި ނުވެވޭނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ފުރަތަަމަ މުވާސަލާތު ކުންފުނި ދިރާގު ރަޖިސްޓްރީ ކޮށްފައިވަނީ 1988 ވަނަ އަހަރުގެ މެއިމަހުގެ 16 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، ހިދުމަތް ދޭން ފެށީ އެއަހަރުގެ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުއެވެ.