ރައްޔިތުންގެ މަޖިލިސް

އެންވަޔަރަންމަންޓް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސްބޭފުޅުން މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ ބޭފުޅުން ވަޑައިގަތުމަށް ދަންނަވާފައިވަނީ މިއަދު މެންދުރު 12:00ގައި ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް ކަމަށެވެ.

އެއީ އިއާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމުތައް، ނެޓް މެޓަރިންގ އުސޫލުން ކަރަންޓްގެ ވިއުގައަށް ގުޅުމާބެހޭ ގަވާއިދު އިސްލާހު ކުރުމާގުޅޭގޮތުން ކުރަންޖެހޭ މަޝްވަރާތައް ކޮށް އޮޅުން ފިލުވަންޖެހޭ ކަންކަން އޮޅުން ފިލުވުމަށް ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އިއާދަ ކުރަނިވި ހަތައިން ކަރަންޓް އުފެއްދުމުގެ ބޮޑެތި މަޝްއޫއުތަކަކަށް ރާއްޖެ އަމާޒު ހިފާފައިވާއިރު، މިއަހަރުގެ ތެރޭގައި ރާއްޖޭގެ 82 ރަށުގައި އަވިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މީގެ ކުރިން ވިދާޅުވީ ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ އަމާޒު ހާސިލް ކުރުމަށް އިއާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފެއްދުމުގެ މަޝްރޫއުތަކެއް ވަނީ ފަށައިފައެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން ކުރިއަށް ގެންދާއިރު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން ބުނީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން 100 ޕަސެންޓު ކަރަންޓު ދިނުމަށް ސާމްޕަލް ޕްރޮޖެކްޓެއްގެ ގޮތުގައި އއ އުކުޅަހުގައި ޕްރޮޖެކްޓެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.