ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ މީހުންގެ ތެރެއިން ހަމަޖެހޭ ކޮންމެ މީހަކު، ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ ޖުމްހޫރީ ޕާޓީން ކަމަށް އެޕާޓީގެ މެންބަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލު ކުރުމަށް ރޭ އެޕާޓީގެ މައި ޖަގަހަ، މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި އަޒްލީން ވިދާޅުވީ ގިނަ މަމެބްރުންތަކެއް ޖޭޕީއާ ގުޅުމަކީ އިއްތިފާގެއް ނޫން ކަމަށާއި، އެހެން އެކަން ވަނީ ގާސިމް އިބްރާހީމްގެ އޯގާތެރިކަމުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ "ޓޮޕް ލީޑަރުން" ފެނިގެންދާނީ ޖޭޕީން ކަމަށްވެސް ވިދާޅުވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ 2023 އަށް ދަތުރު ކުރާއިރު، ހަމަޖެހޭ ކޮންމެ މީހަކު ގާސިމް އިބްރާހީމާ ގުޅިވަޑައިގަންނަވާނެ" އަޒްލީން ވިދާޅުވިއެވެ.
އަޒްލީން އިތުރަށް ވިދާޅުވީ ފިކުރު ތަފާތު މީހުންނާއެކު މަސައްކަތް ކުރަން ނޭނގޭ މީހަކަށް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އަދި އަނިޔާވެރިވެގެންވެސް އެކަމެއް ނުކުރެވޭނެ ކަމަށާއި ގާސިމަކީ ދިވެހި ރައްޔިތުންނަށް އެންމެ އޯގާތެރި، އަދި ދިވެހި ރައްޔިތުނން ދެކެ އެންމެ ލޯބިވާ ލީޑަރު ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.
"އެންމެންނަށް މިއަދު ގަބޫލުކުރެވޭ ދިވެހި ރައްޔިތުން ދެކެ އެންމެ ބޮޑަށް ލޯބިވާ، އެ އޯގާތެރިކޮށް ހިތާ ހިތުން އަބަދުވެސް، ގަބޫލު ކުރައްވާ އެގޮތުގެ މަތީގައި ސާބިތުކަން ދެއްކެވި ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހީމް" އަޒްލީން ވިދާޅުވިއެވެ.
އަޒްލީން އިތުރަށް ވިދާޅުވީ އޭނާ ޖޭޕީއާ ގުޅިވަޑައިގަތީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމެއް ނުވަތަ ޕާޓީގެ އިސް މަގާމެއްވެސް ބޭނުންވެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.