މަގުބޫލު ހޮލީވުޑް ފިލްމު މެލެފެސެންޓް: ދަ މިސްޓްރެސް އޮފް އެވިލްގެ ސީކިއުލް އަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މިމަހު 18ގައި ރިލީސްކުރާ މި ފިލްމުގެ އިނގިރޭސި އަދި ހިންދީ ވާޝަންއެއް ރިލީސްކުރާގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ފިލްމުގެ އެންމެ މުހިންމު ރޯލުން ފެނިގެން ދަނީ އެންޖެލީނާ ޖޯލީއެވެ. ހިންދީ ފިލްމުގައި އެންޖެލީނާގެ ރޯލަށް އަޑު ޑަބް ކުރީ ބަތަލާ އައިޝްވަރިޔާ ރާއީއެވެ.
ފިލްމުގެ ޕްރޮމޯއަށް އައިޝް ވަނީ ފިލްމުގައި އެންޖެލީނާ ފެނިގެންދާ ރޯލާ އެއްގޮތަށް ޒީނަތްތެރިވެފައެވެ. އެގޮތުން ކަޅު ކުލައިގެ ހެދުމާއި، ޑަބަލް ފްރެންޗްކޮށް އިސްތަށިގަނޑުވަނީ ސްޓައިލްކޮށްފައެވެ.
އައިޝްގެ އިސްތަށިގަނޑު ސްޓައިލްކުރި ފްލޯރިއަން ހުރޭލް ވަނީ އޭނާގެ އިންސްޓަގްރާމުގައި އައިޝްގެ އިސްތަށިގަނޑު ސްޓައިލް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށްފައެވެ.
އައިޝް އަކީ ހޮލީވުޑަށްވެސް އާމޫނެއް ނޫނެވެ. އެގޮތުން ހޮލީވުޑްގެ ފިލްމުތައް ކަމުގައިވާ "ދަ ޕިންކް ޕެންތާ 2" އަދި "ދަ މިސްޓްރެސް އޮފް ސްޕައިސަސް" އަކީ އޭނާ ކުޅެފައިވާ ކާމިޔާބު ހޮލީވުޑް ފިލްމުތަކެކެވެ.
ފިލްމުގެ ޕްރޮމޯޝަންއަށް އައިޝް ޒީނަތްތެރިވެފައިވާ ގޮތުން ފިލްމުގައި އެންޖެލީނާ ފެނިގެންދާ ކެރެކްޓަރުގެ ސްޓައިލްއާ ތަފާތެއްވެސް ނެތެވެ. އަދި މީސްމީޑިއާގައި މީހުން އަންނަނީ އައިޝް އަދި އެންޖެލީނާ ވައްތަރު ކަމަށް ބުނަމުންނެވެ.