ޕޮލިސް

ތިން ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރާނެ ކަަމަށް ފުލުހުން ބުނެފި

ފަތޯނާ ފާއިޒު

މާލޭގެ ތިން ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ބޮޑުތަކުރުފާނު މަގުގެ މެހެލި ގޯޅި ހިސާބު، އެމްޓީސީސީ ފެރީޓާމިނަލް ކުރިމަތިން ފެށިގެން އެމަގުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމްއާ ދެމެދުގެ ސަރަހައްދާއި، އަމީނީމަގު ބީއެމްއެލް ކަސްޓަމަރ ސަރވިސް ސަރަހައްދާއި، ކަނބާއައިސާ ރަނި ހިނގުމުގެ އައިޖީއެމްއެޗް ހިމެނޭ ސަރަހައްދުގައި ފަހަކަށް އައިސް ގަވާއިދާއި ހިލާފަށް އެއްގަމު އުޅަނދު ޕާކުކުރުން ގިނަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"އެހެންކަމުން އެ ސަރަހައްދުތަކުގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދަށް ހާއްސަ ސަމާލުކަމެއްދީގެން ޓޯ ކުރަމުންގެންދާނެ ވާހަކަ ދަންނަވަން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ ނޫނަސް ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އެއްގަމު އުޅަނދު ޓޯ ކުރަމުންގެންދާނެ ކަމަށެވެ.

ގަވައިދާ ހިލާފަށް ޕާކު ކުުރުމުގެ މައްސަލަތައް އިތުރުވުމާ ގުޅިގެން އެފަދަ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތަކީ ފުލުހުން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، ފުލުހުން ވަނީ ޓޯޔާޑަށް ގެންގޮސްފައިވާ 11 މޮޓޯސައިކަލެއްގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އެ އުޅަނދުތަކާ ހަވާލު ނުވެއްޖެނަމަ، އެ އުޅަނދުތައް ނައްތާލާނެ ކަަމަށް ދާދި ފަހުން ބުނެފައެވެ.