ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

އިބްރާހިމް ޒަކީ

ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ.

އެދުވަހުގެ 9:00 ގައި ޖަލްސާ އޮންނާނެކަން މެންބަރުންނަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދައުރު ނިންމައި ރައްޔިތުންގެ މަޖިލީސް އެއްމަސްދުވަހުގެ ޗުއްޓީއަކަށް ދިޔައީ މި މަހުގެ ފަހެއްގައެވެ. ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައީ، މުހިއްމު ކަމެއް ޖެހިއްޖެނަމަ އެކަމަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ގޮތަށެވެ.

އެގޮތުން އިއްޔެ މަޖިލީހުން ފާސްކުރި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ނިންމުމަށް ދައުރުން ބޭރުން މަޖިލީހުގެ ތިން ޖަލްސާ ވަނީ ބާއްވައިފައެވެ.

އެހެން ފަހަރުތަކާ ހިލާފަށް މަޖިލިސް ޗުއްޓީގައި އޮތްއިރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ޗުއްޓީ ދީފައެއް ނުވެއެވެ. އެހެންކަމުން އެ ކޮމިޓީގެ މެންބަރުން ކޮމިޓީގެ މަަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، ކޮމިޓީގެ ބައްދަލުވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (ޓޫފޯވަން) ކޮމިޓީ ގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލިސް ޗުއްޓީގައި އޮތް އިރު ކޮމިޓީއަށް ޗުއްޓީ ދީފައި ނުވިނަމަވެސް މަޖިލިސް ހުޅުވުމުން، ކޮމިޓީ ޗުއްޓީއަށް ދާގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ފެށުމާއެކު ކޮމިޓީވެސް އެ މަސައްްކަތްތަކައިގެން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.