ޕޮލިސް

ފިހާރައަކުން ވަކި ލާރި ފުޅިއެއް ވަގަށް ނަގައި، ޖީބަށް އަޅަން ހުރި މީހަކު ހައްޔަރުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މާލޭގެ ފިހާރައެއް ފަޅާލައި، ވަކި ލާރި ފުޅިއެއް ވަގަށް ނަގައިގެން ޖީބަށް އަޅަން ހުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ކިނބިގަސްމަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަމުގެ މައުލޫމާތު ރޭ ފަތިހު 4:38 ގައި ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އެމައުލޫމާތު ފުލުހުންނަށް ލިބުމުން ފުލުހުން އެސަރަހައްދަށް ގޮސް ބެލި ބެލުމުން، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އަދި އެސަރަހައްދު ބެލި ބެލުމުން ގެއެއްގެ ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ކައިރީގައި ފިރިހެނަކު މެޓާ ހުސްކުރި ފުޅިއެއްގައި ހުރި ވަކި ލާރިތަކެއް އޭނާ ލައިގެން ހުރި ޖީންސްގެ ޖީބަށް އަޅަމުންދާތީ އެމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އެމީހާ ބަލައި ފާސްކުރި އިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ 475.75 ރުފިޔާ ފެނިފައިވާކަމަށާއި އަދި އެމީހާ ހުރި ދިމާ ބިންމަތިން ރެޑްބުލް ދަޅެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.