ޕީޕީއެމް އިން އެ ޕާޓީގެ މުސްތަޝާރު އިސްވެ ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގުމަކީ މައްސަލައެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޕާޓީގެ އަސްލު ލީޑަޝިޕާ މެދު ސުވާލު އުފައްދައި ޕީޕީއެމްގެ ލީޑަޝިޕް އެޕާޓީގެ އިންތިޚާބީ ރައީސް، ރައީސް މައުމޫނާ ހަވާލުކޮށްދިނުން އެދި ޕާޓީގެ އާއްމު މެންބަރަކު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ހުއްޓުވައި އެ މައްސަލައިގެ ލިޔުންތައް ވަނީ ސުޕްރީމް ކޯޓަށްގެންގޮސްފަ އެވެ.
މި ހާލަތުގައި ޕީޕީއެމުން އެކި ކަހަލަ ސިޔާސީ ބައްދަލުވުން ތަކާއި ނޫސްވެރީންގެ ބައްދަލުވުން ތަކާއި އެނޫން ވެސް އެކި ކަހަލަ ހަރަކާތްތައް ހިންގައި ޕާޓީގެ ނަމުގައި އެކި ކަހަލަ ޚަރަދުތައް ކުރަމުން އަންނާތީ، އެއީ ގާނޫނާއި ގަވައިދާ ޚިލާފު ކަމެއް ކަމަށާއި ޕާޓީގެ މުސްތަޝާރު، އަދި ރައީސް ޔާމީން އިސްވެ ހުންނަވައިގެން އެފަދަ ހަރަކާތްތައް ނުހިންގޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ މީސްމީޑިއާގައި އަޑުއުފުލަމުންނެވެ.
އެ ގޮތުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޕާޓީ މިހާރު ވެސް އޮތީ ދަރުވާލާފައި ކަމަށާއި އިތުރަށް އެކަން ކުރަނީ ރައީސް މައުމޫނުގެ އަތްޕުޅަށް ޕާޓީ ލިބިވަޑައިގަންނަވާ އިރު ދަރަނިތައް އިތުރުކުރަން ކަމަށެވެ. އަދި މިއަދު ޕީޕީއެމުން އެގޮތަށް ހިންގާ ކޮންމެ ހަރަކާތެއް ގާނޫނާ ޚިލާފު ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި ކަމާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ޕާޓީގެ މުސްތަޝާރު އިސްވެ ހުންނަވައި ޕާޓީ ހިންގުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ގޮތް އީސީން ބަލައިގަންނަ ކަމަށެވެ.
"އީސީ އިން ބަލައިނުގަތީ ކޮންގްރެސްގެ ނިންމުންތައް. މީގެ ކުރީން ސިވިލް ކޯޓުން ނިންމާފައިވާ ގޮތް އީސީ އިން ބަލައިގަންނާނެ." ޝަރީފު ވިދާޅުވި އެވެ.