ރީކޯ މޫސާ މަނިކް

ބިދޭސީން ފިލުވައިގެން އުޅޭ ދިވެހިންނަށްވެސް އަދަބު ލިބެންޖެހޭ: މޫސަ

ފަތޯނާ ފާއިޒު

ގަސްތުގައި ބިދޭސީން ފިލުވައިގެން ގެންގުޅެ، އެމީހުން ލައްވައި މަސައްކަތް ކޮށްގެން ޓެކްސް ނުދައްކާ ފަރާތްތަކަށްވެސް އަދަބު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސަ އެހެން ވިދާޅުވީ ގަވައިދާއި ހިލާފަށް ވިޔަފާރި ކުރަމުން އައި ދެ ބިދޭސީން އަތުލައިގަނެ، މައްސަލަ ތަހުގީގުކޮށް އޭގެ އަޑީގައި ތިބީ ކޮންބައެއްތޯ ބަލައިލެވުނު ނަމަ މާ ރަނގަޅުވީސް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ކުރެއްވި ޓުވީޓްތަކެއްގައި މޫސަ ވިދާޅުވީ ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނެސްފައިވާ އަދަދު މިހާތަނަށްވެސް ހޯދިފައި ނުވާ ކަމަށެވެ. އަދި ދޭސީއެއް ނުވަތަ ބިދޭސީއެއް ވިޔަސް، ކުށެއް ކޮށްފިނަމަ، ލިބޭ އަދަބު ތަފާތު ނުވާނެކަން ފާހަގަކުރައްވައި، މޫސަ ވިދާޅުވީ ބިދޭސީން ފިލުވައިގެން އުޅޭ މީހުންނަށްވެސް އަދަބު ލިބެން ޖެހޭ ކަމަށެވެ.

"ގަސްތުގައި މީހަކު ފިލުވައިގެން ގެންގުޅުމާއި، އެމީހާ ލައްވައި މަސައްކަތް ކުރުވައިގެން ޓެކްސް ނުދައްކާ ގެންގުޅުނު ބަޔަކަށްވެސް އަދަބު ދޭން ޖެހޭ. އަދި ދައުލަތަށް އެ ފައިސާ ހޯދަން ޖެހޭނެ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު، ހޯދޭ މިންވަރަކުން ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މޫސަ މިއަދު ކުރެއްވި ޓްވީޓެއް--

އިމިގްރޭޝަނުން ހާމަ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި 63،000 އަށްވުރެ ގިނަ ބިދޭސީން ގަވައިދާ ހިލާފަށް އުޅެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، މިމަހުގެ ފުރަތަމަ ހަފުތާގައި ސަރުކާރުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

އެ އޮޕަރޭޝަންގައި ގަވައިދާ ހިލާފަށް ބިދޭސީން ގެނައުމާއި، ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް މުއްސަނދިވެފައިވާ ދެ ބިދޭސީއަކު ޑީޕޯޓް ކޮށްފައިވެއެވެ. އެދެމީހުންވެސް ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. އެދެމީހުންގެ މައްސަލައިގެ އަޑި ނުބަލައި، އެމީހުން ޑީޕޯޓް ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ.