ޓުއަރިޒަމް

އަނގޮޅިތީމުގައި ހަދާ ޓޫރިސްޓް ވިޒިޓާސް ސެންޓަރުގެ ބިންގާ މިއަދު އަޅަނީ

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ، ޓޫރިސްޓް ވިޒިޓާސް ސެންޓަރު ރ. އަނގޮޅިތީމުގައި ހަދަން ނިންމާފައިވާއިރު، އެ ސެންޓަރުގެ ބިންގާ މިއަދު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަނގޮޅިތީމުގައި ހަދާ ޓޫރިސްޓް ވިޒިޓާރސް ސެންޓަރަކީ ދިވެހިރާއްޖެ ޑިމޮކުރޮސީއަށް ކުރި ދަތުރު ދައްކުވައިދޭނެ ސެންޓަރެއް ކަމަށެވެ.

ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން ތަރައްގީ ކުރާ މި ސެންޓަރުން ރާއްޖޭގެ ސަގާފަތާއި ތާރީހާ ގުޅޭ އެކިއެކި މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިންވެސް ނޫސްވެރިންނަށް މައުލޫމާތުދެމުން ވިދާޅުވެފައެވެ.

ދިވެހިރާއްޖެ ޑިމޮކުރޮސީއަށް ކުރި ދަތުރުގައި ވަރަށް ގިނަ ބަޔަކު ގުރުބާނި ވިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ސެންޓަރުގެ ބިންގާ އެޅުމަށް ފުރަތަމަ ހަމަޖައްސާފައި އޮތީ ކުރީގެ ރައީސް ނަޝީދުގެ މަންމަ އާއި ބައްޕަ ނަމަވެސް އެ ދެ ބޭފުޅުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވުމުގެ ސަބަބުން ނިއު ޗީފް ގެސްޓެއް ހޯދަން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ވިޒިޓާސް ސެންޓަރުގެ ބިންގާ އެޅުމަށް މިހާރު ދައުވަތުދީފައި ވާނީ، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ، މޭޑޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ޖަލުގައި ނިޔާވި އަބްދުﷲ ރަޝީދު ގެ އަނބިކަނލުންނާއި ދަރިފުޅަށް ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިއީ ގެސްޓް ހައުސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމު ކުރަން ފަށާ ޓޫރިސްޓު ވިޒިޓާސް ސެންޓަރުގެ ފުރަތަމަ ސެންޓަރު ކަމަށް މިނިސްޓަރު ކުރިން ވިދާޅުވެފައި ވެއެވެ.

އެގޮތުން ދުނިޔޭގެ ޓޫރިޒަމް ދުވަހާ ދިމާކޮށް މިއަދު އަނގޮޅީތީމުގައި ފުރަތަމަ ޓޫރިސްޓް ވިޒިޓާސް ސެންޓަރުގެ ބިންގާ އަޅާއިރު، މީގެ އިތުރުންވެސް ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި މިއަހަރު ގިނަ ހަރަކާތްތަކެއް ޓުރިޒަމް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ.