ރާއްޖެ އައުމަށް އެހެން މީހުންނަށް ހިތްވަރު ދޭނެ ކަމަށް ކެނެޑާގެ ޓޮރޮންޓޯއަށް ނިސްބަތްވާ މަޝްހޫރު ޖޮގްލަރ މިކަލް ކެޕްރަލް ބުނެފިއެވެ.
މިކަލްއަކީ ބޯޅަ އުކަމުން ދުވެ، ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާ، ގިނަ މީހުންގެ މެދުގައި މަގުބޫލް މީހެކެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވާ "ރަން އިން އައްޑޫ" އިވެންޓުގައި ބައިވެރިވެ، ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދަން މިކަލް ތައްޔާރުވެފައިވާއިރު، ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކޮށް ވާހަަކަ ދައްކަމުން މިއަދު އޭނާ ބުނީ އަންހެނުންނާއި ދެ ދަރިންނާއެކު ރާއްޖެ ފަދަ ރީތި ތަނަކަށް އާދެވުމުން އުފާވާ ކަމަށެވެ.
މިކަލް ބުނީ އޭނާ ނިސްބަތްވާ ގައުމު، ކެނެޑާގެ ގިނަ މީހުންގެ މެދުގައި ރާއްޖެއަކީ އެހާ މަގުބޫލް މަންޒިލެއް ނޫން ކަމަށެވެ. އެހެންނަމަވެސް އޭނާ ރާއްޖެ އަންނަ ވާހަކަ ބުނުމުން، ބައެއް މީހުންގެ ސަމާލުކަމަށް ރާއްޖެ އައިސްފައިވާ ކަމަށްވެސް ބުންޏެވެ.
"ރާއްޖެ އެހާބޮޑަށް ނޭނގޭ މީހުންވެސް، އަހަރެން ރާއްޖެއަށް ދާ ވާހަކަ ބުނުމުން، ރާއްޖެ ދާނަމޭ ބުނި. އެމީހުންނަކަށް ނޭނގޭ މިތާ މެރެތަން ކަހަލަ އެއްޗެހި އޮންނަ ކަމެއް. އަހަންނަށް ހީވަނީ މީ ވަރަށް ރަނގަޅު ފުރުސަތެއްހެން" މިކަލް ބުންޏެވެ.
މިކަލް ބުނީ ދުވަމުން ބޯޅަ އުކުން ނުވަތަ "ޖޮގިން އެންޑް ޖަގްލިން" އަކީ ޔުނިވާސަލް ލެންގުއޭޖެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަން ކޮށްފައިވާނެ ކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް، އެކަން ވަނީ މީހުންނަށް ކަމުދާ ކަމަކަށް ކަމުގައިވެސް އޭނާ ބުންޏެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނަށް އެއީ ވަރަށް ފޯރި ގަދަ ކަމެއް ކަމަށްވެސް މިކަލް ބުންޏެވެ.
މިކަލް ބުނީ ދުވުމަކީ އާދައިގެ ކަމެއް ކަމަށެވެ. އެހެންނަމަވެސް ބޯޅަ އުކަމުން ދުވުމަކީ ވަރަށް ތަފާތު އަދި އުނދަގޫ ކަމެއް ކަމަށާއި، އޭނާ އެކަން ކުރަން ފެށީ އުމުރުން އެންމެ 10 އަހަރުގައި ކަަމަށެވެ.
މިކަލް ހުރީ ރާއްޖެ އާދެވުމުން ވަރަށް ބޮޑަށް "އެކްސައިޓް"ވެފައި ކަމަށް އޭނާ ބުންޏެވެ. އަދި ރާއްޖޭގައި ދުނިޔޭގެ ރިކޯޑެއް ހަދަން ފުރުސަތު ލިބުމަކީ އުފާ ކުރާ ކަމެއް ކަަމަށްވެސް ބުންޏެވެ.