ޝަހީދާ އަބްދުﷲ ސައީދު
ޓެރަރިޒަމްގެ ގާނޫނު، ނާޖާއިޒު ގޮތުގައި މިސަރުކާރުން ބޭނުން ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނާޖާއިޒުގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ވިދާޅުވެފައެވެ. އަދި ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ސަރުކާރުން ބޭނުންވި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްވުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށްވެސް އިމްރާނު ވިދާޅުވިއެވެ.
ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކުރީ 52 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމު (އަނދުން ހުސައިން) ހުށަހެޅުއްވި އެބިލުގައިވާ ގޮތުން ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވެ އެވެ.