ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޓެރަރިޒަމް ހުއްޓުވުމަށް ބޭނުންވާ މުހިއްމު ކަންތައްތަކެއް ހިމަނައިގެން، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސް ކޮށްފިއެވެ.

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައިވާ މި ބިލު ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެހުސައިން ޝަހީމް ހުށަހެޅުއްވި މި ބިލުން، ބިލްގައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

އެގޮތަށް ފުލުހުން ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. މިއީ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހެކެވެ. ބިލު މަޖިލީހަށް ހުށަހެޅިއިރު އޮތީ 48 އިރުގެ ތެރޭގައި ހައްޔަރުކުރާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށެވެ.

ބިލުގައިވާގޮތުން، ފުލުހުން ހައްޔަރު ކުރާ މީހާ އަށް، އޭނާގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކޮށް މަޝްވަރާ ކުރުމުުގެ ފުރުސަތު ނުދީ ހަތް ދުވަސްވަންދެން ހިފޭއްޓޭނެއެވެ.

މި ބިލުގައި ޓެރަރިޒަމްގެ އަމަލުތައް ކަޑައަޅައި އެފަދަ އަމަލުތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑަ އަޅައިފައެވެ.

ބިލުގައިވާ ބައެއް އަދަބުތަކުގެ ތެރޭގައިގައި، ހަނގުރާމަ އަށް މީހަކު ފޮނުވުމުގެ އިތުރުން، ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން، އަދި އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ކުށެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ކަނޑައަޅާފައިވެއެވެ.

ހަނގުރާމައަށް ދާ މީހެއްގެ އަދަބަކީ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ހަނގުރާމަވެރި ސަރަހައްދަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ ކުށެއް ކަމަށާއި، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ އަދަދަކަށް ޖަލަށްލުން ކަމަށްވެސް ބުނެފައިވެއެވެ.

ބިލް އެންމެ ފުރަތަމަ ހުށަހެޅި އިރު، ހަނގުރާމަ އަށް ދާން އުޅުމާއި އެ ކުށް ކުރުމަށް އެހީތެރިވުމާއި އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށް ފަހު، ކަމާ ބެހޭ ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު އޮވެ، އެ ގަސްދުގައި އެ މައުލޫމާތު ހިއްސާނުކޮށް ސިއްރު ކުރުމަކީ ކުށެއް ކަމަށާއި، އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ކުށެއް ކަމަށާއި އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.

ބިލުގައި ޓެރަރިޒަމްގެ އަމަލު ތަކަކީ ކޮބައިގެން ވަރަށް ތަފްސީލްކޮށް ވަނީ ބަޔާންކޮށްދީފަ އެވެ.