ށ. ނަރުދޫގައި އިންޖީނުގެއެއް އަޅަން ސީސައިޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެކަމާ ބެހޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ސީސައިޑްއާ ދެމެދު އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.
ނަރުދޫގެ އާ އިންޖީނުގޭގެ މަސައްކަތް ސީސައިޑް ކުންފުންޏާ ހަވާލު ކުރީ 5.11 މިލިއަން ރުފިޔާއަށެވެ. އެއްބަސްވުމުގެ ދަށުން، އެމަސައްކަތް ނިންމާ ގޮތަށް ހަމަޖައްސާފައިވަނީ 90 ދުވަހުގެ ތެރޭގައެވެ. އަންނަ ބުރާސްފަތި ދުވަހު މަޝްރޫއުގެ މަސައްކަތް ފަށާނެ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
ރަށްރަށަށް ދޭ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ފެނަކައިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިމަހުގެ 20 ވަނަ ދުވަހު ފ. ބިލެއްދޫގެ އާ އިންޖީނުގޭގެ ބިންގާ ވަނީ އަޅައިފައެވެ.
ފެނަކައިން ބުނީ މި އަހަރުގެ ތެރޭގައި އިންޖީނުގެ އެޅުމުގެ 30 މަޝްރޫއު ފަށާނެ ކަމަށެވެ.