51 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލަގަތް އީރާނުގެ ބޯޓުގައި ތިބި ހަތް މީހުންގެ ތެރެއިން ދައުވާ ލިބޭ ދެމީހެއްގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.
މިއަހަރުގެ މެއި މަހުގެ ހަތް ވަނަ ދުވަހު، ކޯސްޓުގާޑުން މިބޯޓު ހުއްޓުވައި ހިފަހައްޓާފައިވަނީ ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންނެވެ. އެމައްސަލައިގައި ބޯޓުގައި ތިބި އީރާނުގެ ހަތް މީހުންގެ މައްޗަށް ދައުވާކުރިއެވެ.
މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އެ ހަތް މީހުންގެ މައްޗަށް ކުރިއިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ދެ މީހެއްގެ މައްޗަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައި ވެއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމީ އެ ދެ މީހުންގެ ބަލި ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި އެ ދެ މީހުންގެ ބައި އަނބުރާ ގެންދަން ބޭނުންވާ ކަން އަންގައި، ޕީޖީ އޮފީހުން ކޯޓަށް މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ދެ މީހުންގެ ބައި އަނބުރާ ގެންދިޔަޔަސް، ދެން ތިބި ފަސް މީހުންގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ގެންދަން ދައުލަތުން އެދުނެވެ. އެހެންކަމުން ފަސް މީހެއްގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމިއެވެ.
އެ މައްސަލައިގައި ދައުވާ އަނބުރާ ގެންދިއުމުން މިނިވަންވެފައިވަނީ، ޝާ ނަވާޒު އާއި، ޔޫސުފް ކިޔާ މީހެކެވެ. އެދެމީހުންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ބުނީ އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ ދިވެހި ބަސް ރަނގަޅަށް އެނގޭ އަދި ޝަރީއަތުގައި ހިނގާ ކަންކަން ދައުވާ ލިބޭ މީހުންނަށް ރަނގަޅަށް ތަރުޖަމާކޮށް ދެވޭ ފަދަ ތަރުޖަމާނަކު ހުރެގެން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ، ދިވެހި ބަހާއި، އީރާނު ބަސް ރަނގަޅަށް ދަންނަ މީހަކު ހޯދައިގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް ދައުލަތުން އެދިވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ ދިވެހި ބަސް ރަނގަޅަށް އެނގޭ ތަރުޖަމާނަކާ އެކު މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި މިއަދުގެ އަޑުއެހުން ވަނީ އިތުރަށް ކުރިއަށް ނުގެންގޮސް، ނިންމާލައިފައެވެ.