ގިނަ ބައެއްގެ މަގްބޫލުކަން 80ގެ އަހަރު ތަކުގައި ހޯދި ފިރިހެން ބޭންޑް، ބެކް ސްޓްރީޓް ބޯއީސް ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށާ ވާހަކަ އިއްޔެ އިއުލާންކޮށްފިއެވެ.
އިއްޔެ ހެނދުނު ބެކް ސްޓްރީޓް ބޯއީސް ބޭންޑުން އިއުލާން ކުރި ގޮތުގައި 2019 ވަނަ އަހަރު އާ އަލްބަމަކާއި ވޯލްޑް ޓުއާއެއް ކުރުމަށް އެ ބޭންޑް ވަނީ ނިންމާފައެވެ. ބޭންޑުން ނެރޭ އާ އަލްބަމް "ޑީއެންއޭ" ނެރުމަށް ހަމަޖެހިފައިވަނީ 2019 ޖެނުއަރީ 25 ގައެވެ. ބޭންޑުން ވަނީ އިއްޔެ އާ ވީޑިއޯ ލަވަ އެއް "ޗާންސަސް"ގެ ނަމުގައި ނެރެފައެވެ.
ބެކް ސްޓްރީޓް ބޯއީސް ބޭންޑްގެ ކެވިން ރިޗާޑްސަން ބުނި ގޮތުގައި އަލަށް ނެރޭ އަލްބަމް ރިކޯޑްކުރުމުގައި އެންމެ ސަޅިވީ އެ ޓީމު ހުރިހާ މެންބަރުންގެ އިންފުލުއެންސް އަދި ސްޓައިލްތައް އެއް މަސައްކަތަށް ގެނުވުނީތީ އެވެ. ކެވިން އިތުރަށް ބުނި ގޮތުގައި އެ ލަވަ ތަކަކީ އެމީހުން ޓީމެއްގެ ގޮތުގަ އާއި ވަކިވަކިންވެސް ރެޕްރެޒެންޓް ވާގޮތަށް ހަދާފައިވާ ލަވަތަކެކެވެ.
ބެކް ސްޓްރީޓް ބޯއީސްގެ ޓުއާގެ ޓިކެޓް ނޮވެމްބަރު މަހު 14އިން ފެށިގެން ލައިވްނޭޝަން ވެބްސައިޓުން ލިބެން ހުންނާނެއެވެ.