ޝަހީދާ އަބްދުﷲ ސައީދު
މާލޭ ދަތުރުވެރިންގެ މާރުކޭޓު ބަންދުކޮށްފައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަން ނިންމަވައިފިއެވެ.
ޑީއާރުޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާރުކޭޓު ބަންދުކޮށްފައި ހުންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވުމުން އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވަން ޖާބިރު މިހާރު ނިންމަވާފައިވާ ކަމަށެވެ.
''ވަން'' އަށް މައުލޫމާތު ދެއްވަމުން ޖާބިރު މިރޭ ވިދާޅުވީ، މާލޭ ދަތުރުވެރިންގެ މާރުކޭޓަކީ ރަދުންގެ ވެރިކަމުން ފެށިގެން މިއަދާ ހަމައަށް ވެސް އަތޮޅުތަކުގެ ދަތުރުވެރިން ގެންނަ މުދާ ވިއްކުމަށް ހާއްސަކޮށްފައިވާ ތަނެއް ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އެތަން ބަންދުކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، އަތޮޅުތަކުގެ ރައްޔިތުން މުދާ ވިއްކަމުން ދިޔަ ތަނެއް ބަންދުކުރަންވާނީ އެމީހުންނަށް އެހެން ތަނެއް ދެއްކުމަށްފަހު ކަމަށެވެ.
އަދި ވެސްޓްޕާކު ސަރަހައްދަކީ ދަތުރުވެރިންނަށް ދުރު ތަނެއް ކަމަށްވުމާއެކު އެތަނުގައި އެމީހުންނަށް މުދާ ވިއްކަން ތިބުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ މާލެއަށް މުދާ ގެންނަަ ބައެއް ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.
''ދަތުރުވެރިން ގެންނަ މުދާ ވިއްކޭނެ ގޮތް ނެތި، އަސްކަނިވެ މަގުމަތިވެ ހަލާކުވަމުން އެދަނީ. އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރޭ އެބަ. ދަތުރުވެރިންގެ މާރުކޭޓަކީ ރާއްޖޭގައި ރަދުންގެ އިރުއްސުރެ އަތޮޅުތަކަުގެ ރައްޔިތުންނަށް ހާއްސަކޮށްފައި އޮތް ތަނެއް. އެތަން ބަންދުކުރި އިރު ތަނެއް ނުދީ ބަންދުކުރީމަ އެދެން ވަރަށް ދެރަވަރުކަމެއް. ވަރަށް ބޮޑު ގެއްލުމެއް އެއީ.'' ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ކަމަށްވާނަމަ، ދަތުރުވެރިންނަށް ދިމާވެފައިވާ އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ޔަގީންކުރައްވާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މިދިޔަ މަހުގެ 31 ގެ ނިޔަލަށް ދަތުރުވެރިންގެ މާރުކޭޓު ހުސްކުރުމަށް ސިޓީ ކައުންސިލުން އެންގުމަށްފަހު އެތަން ބަންދުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މާލޭ ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި ދަތުރުވެރިންގެ މާރުކޭޓް ބަންދުކުރަނީ އެތަނުގައި ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށެވެ.