ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާއި ގެވެށި އަނިޔާގެ ނިކަމެތިކަން ލިބޭ ފަރާތްތަކުގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކުރުން ވަރަށް މުހިންމު ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
ފެމިލީ ޖަސްޓިސް ސިސްޓަމް ނުވަތަ އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ ތިން ދުވަހުގެ މަހާސިންތާ ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑިޝަލް ސިމްޕޯސިއަމް އޮން ފެމިލީ ޖަސްޓިސްގެ މައްސަލަތަކަކީ ވަރަށް ޝާމިލު ގޮތެއްގައި ކަނޑައެޅިފައިވާ މައްސަލަތަކެއް ކަމަށެވެ.
"އެ މައްސަލަތަކަކީ އާއިލީ އަދުލުގެ ނިޒާމަށް ފަސޭހައިން ވާސިލުވެވޭނެ ގޮތްތައް ކަށަވަރުކުރުމާއި އާއިލީ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތަކާއި އަންހެނުންގެ ހައްގުތަކާއި މަސްލަހަތު ރައްކާތެރިކޮށް، ކަށަވަރުކުރާނެ ގޮތްތައް ހޯދުމާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައި ތިބޭ މީހުންގެ ހައްގުތައް އާއިލީ އަދުލުގެ ނިޒާމުގެ ތެރެއިން ރައްކާތެރިކުރުން. މި މައްސަލަތަކަށް ބަލައި ވިސްނާލުމުން އަޅުގަނޑަށް އެންމެ ފުރަތަމަ ފާހަގަކުރެވޭ ނުކުތާއަކީ އަދުލު އިންސާފަށް ފަސޭހައިން ވާސިލުވުމަށް ކަށަވަރުކުރުމުގެ މައްސަލަތައް. އާއިލީ އަދުލުގެ ނިޒާމުގައި ވެސް އަދުލު އިންސާފަށް ވާސިލުވުން ކަށަވަރުކުރެވޭނީ މިކަންކަމުގައި އަޅުގަނޑުމެންގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގެ ފައިދާ ރައްޔިތުންނަށް ކުރާނީ އަދި އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ނިޒާމު އެދެވޭ ގޮތެއްގައި ހިނގަމުންދާ ކަމަށް ބެލެވޭނީ، އަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރުކޮށްދެވިގެން ކަމަށާއި އެގޮތުން އަދުލު އިންސާފުގެ ދޮރުގައި ޓަކި ދޭ ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި، ފަސޭހައިން މައްސަލަތައް ހުށަހެޅޭނެ ގޮތް ފަހިކޮށްދިނުމާއި، ޝަރީއަތުގެ މަރުހަލާ ވީހާވެސް ފަސޭހަ އަދި ތަކުލީފު ކުޑަ ގޮތަކަށް ބައްޓަންވެފައި އޮތުމާއި، އަވަހަށް މައްސަލަތައް ނިންމުމާއި، ޝަރީއަތުން ރައްކާތެރިކޮށްދެވޭ ހައްގުތައް ހަގީގީ މާނައިގައި ކަށަވަރުކޮށްދިނުމަށްޓަކައި ހުކުމްތައް އަވަހަށް އަދި ފުރިހަމައަށް ތަންފީޒުކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަންކަން ކަމަށެވެ.
"ސިމްޕޯސިއަމްގެ މަގުސަދުތަކުގެ ތެރެއިން މުހިންމު އަނެއް ނުކުތާއެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާއި ގެވެށި އަނިޔާގެ ނިކަމެތިކަން ލިބޭ ފަރާތްތަކުގެ ހައްގުތަކާއި މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކަކީ ކޮބައިތޯ، މިސުވާލަށް ފޯކަސް ކުރެވިފައިވާކަން. ހަގީގީ މާނައިގައި މި ގިންތިތަކުގެ ހައްގުތަކާއި މަސްލަހަތުތައް އެކަށޭނެ ގޮތެއްގައި ރައްކާތެރިކުރެވޭނެ ގޮތްތަކެއް ހޯދިގެން. އާއިލާއެއްގެ ލޯތްބާއި ހަމްދަރުދީއާއި އަޅާލުމުގެ ވެއްޓެއްގައި ދިރިއުޅުމަކީ އެންމެ މުހިންމު ވަސީލަތްކަމުގައިވީ ހިނދު، އާއިލާތައް ރަނގަޅު ގޮތެއްގައި ގާއިމުވެ އޮތުމަކީ މުޖުތުމައުގެ ކާމިޔާބަށް އެންމެ މުހިންމު އެއް އަސާސް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ އާއިލާއެއްގެ ތެރޭގައި ކުޑަކުއްޖެއްގެ ހައްގުތައް ގެއްލޭ ފަދަ ކަމެއް ހިންގުމަކީ ނުވަތަ ގެވެށި އަނިޔާ ފަދަ ނޭދެވޭ އަމުލުތަކެއް ހިންގުމަކީ ކުޑަކަމެއް ނޫން ކަމަށާއި އާއިލީ އަދުލުގެ ނިޒާމަކީ ގިންތިތަކަށް އެކި ގޮތްގޮތުން ފޯރުކޮށްދޭން ޖެހޭ މަދަދާއި އެހީތެރިކަމާއި ރައްކާތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު ލިބިގެންވާ ނިޒާމަކަށް ހެދުމަކީ ލާޒިމު ކަމެއް ކަމަށެވެ.