ވަދެގެން އައި އަޒްކާ ލައިގެން ހުރި އޯކިޑް ކުލައިގެ ހެދުން ހުރީ ކަކުލާ ހަމައަށެވެ. ހެދުމުގެ ދިގު ދެއަތް ކޮނޑާއި ހަމައިން ވަނީ ލެވެންޑަރ ލޭސް ފޮތީގައެވެ. ދެ އަތުގެ އަސްލު ކުލަ ހުރީ ކޮންމެވެސް ވަރަކަށް ހާމަވާށެވެ. ހެދުމުގެ ދެ އަރިމަތިން ދިގުކޮށްލާފައިވާއިރު ތިރިން ލައިގެން ހުރީ ކަޅު ކުލައިގެ ސްކިނީއެކެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ހުރީ މައްޗަށް ނަގާ އެއްކޮށް އައްސާލާފައެވެ. ދެފަރާތު ކަންފަތް ކައިރިން ތިރިއަށް އެލިފައި އޮތް ނުކިޔަމަންތެރި ދެ އިސްތަށިކޮޅު ބަނޑިބަނޑި ލައްވަމުން ދިޔައެވެ. އަރައިގެން ހުރީ ލެވެންޑަރ ކުލައިގެ ކުޑަ ކައްޓެއް ލާފައިވާ ޝައިން ބޫޓަކަށެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު އޯކިޑް ކުލައިގެ މެޓް ލިޕްސްޓިކްގެ އިތުރުން އެއްވެސް މޭކަޕެއްނެތެވެ. އެއްވެސް ގަހަނާއެއް ބޭނުންކޮށްފައެއް ނެތެވެ. އެއް އަތުގައި ހުދުކުލައިގެ ފައިލެއް އޮތްއިރު އަނެއް އަތުގައި އޮތީ އޭނާގެ ފޯނެވެ. އޭނާ މިނިސްޓަރ އަތަށް ފައިލް ދިއްކޮށްލުމަށްފަހު ހީލަމުން ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއެވެ. އެހިނދު އޭނާއަށް ބަލަހައްޓައިގެން އިން ނާހިދާއި ހަތަރުކަޅި ހަމަވެގެން ދިޔައެވެ.
ނާހިދް އިނީ ސީދާ އަޒްކާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހަށިގަނޑަށް އަރައިގެން ދިޔަ ފިނިގަނޑަކާއެކު ކުރިމަތީގައި އިން ނާހިދް ފެނި އަޒްކާއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށެއް ނުލެވުނެވެ. އޭނާއަށް ހޭވެރިކަމެއްވީ މިނިސްޓަރ ކައިރީގައި ހުރި ގޮނޑިގައި އިށިންނަން ބުނުމުންނެވެ.
ގޮނޑީގައި އިށީނުމަށްފަހުވެސް އޭނާ ނާހިދަށް ނަޒަރެއްދިނެވެ. އޭރުވެސް ނާހިދް އިނީ ބަލަހައްޓައިގެންނެވެ. ނާހިދްގެ މޫނުމަތި ކިޔަވާކަށް އަޒްކާއަށް ނޭނގުނެވެ. އެވަރަށް ނާހިދް ބަލާކަން އިނުގުނު ހިސާބުން ފެށިގެން އޭނާއަށް އިނީ އުނދަގުވެފައެވެ. އުނގުމަތީގައި ބާއްވާލާފައި އޮތް ދެއަތްތިލަ ދާހިއްލަން ފެށުމުން އޭނާ ހެދުމުގައި އަތް ޖައްސައިލިއެވެ.
ބައްދަލުވުން ނިންމާ މިނިސްޓަރ ވަޑައިގަތުމާއެކު ހުރިހާ އެންމެން ނިކުންނަން ދިޔައެވެ. ނަމަވެސް ނާހިދް އިނީ އިން ތަނުގައެވެ. ނިކުންނަން ދިޔަ އަޒްކާ ދޮރާއި ހަމަވެފައި ހުއްޓިލިއެވެ. އޭނާގެ ހިތް އެދުނީ އަދި އެއްފަހަރު ނާހިދަށް އެނބުރި ބަލައިލުމަށެވެ. ނަމަވެސް އެއީ މީހެއްގެ ފިރިއެއްކަން އަމިއްލަ ނަފްސަށް ހަނދާންކޮށްދިނެވެ. އޭނާ ކުރިއަށް ހިނގައިގަތްއިރު ހިތް ރޮމުން ދިޔައެވެ. އެކަހަލަ ގޮތަކަށް ނާހިދް ކުރިމައްޗަށް އަރަން ޖެހިދާނެކަމަކަށް އޭނާ ހީކޮށްފައެއްނެތެވެ.
ކުއްލިއަކަށް ނާހިދް ސިހުނީ އޭނާއާ ދާދި ކައިރިން މީހަކު ކަރުކެހިލުމުންނެވެ. ބަލައިލިއިރު ކައިރީގައި ޝިފާން ނުލަފާ ޒާތަކަށް ހީގަނެގެން ހުއްޓެވެ. ޝިފާނަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ ހޯލުން ނިކުންނަން ހިނގައިގަތެވެ.
"ކަލޭ ދޮގެއް ދޯ ހެދީ. ފެނުނު މަންޒަރުން ހިއެއްނުވޭ ތިއީ ހަޒްބެންޑް ވައިފް ހެނެއް" މަލާމާތުގެ ހިނިގަނޑެއް ޖަހައިލަމުން ޝިފާން ބުނެލިއެވެ.
"އަހަރެންނަށް ބުނެވުނުތަ އަހަރެން އިނދެގެން އުޅެނީ އަޒްކާއާއޭ" ނާހިދް ބުނެލިއެވެ. ރާގުގައި ވަނީ ހަރުކަށިކަމެވެ.
"އޯވް.... ހިތްހަލާކުވެފަ ދޯ. ތެޔޮނާށި ކާޅު ޖަހައިގަތީ. އެހެއްނު. އެކަމަކު ދެން ނުލިބޭނެ. އެ ލޯބި ދެން ކާމިޔާބު ކުރާނީ އަހަރެން" ޝިފާން ބުނެލިއެވެ.
"ހިތްވަރެއް ހުރިއްޔާ ހަމަ ކުރިއަށްދާންވީ. އެކަމަކު އަހަރެންނަށް ސަތޭކަ ޕަސެންޓް ޔަޤީން ކަލެއަށް ލިބޭނީ ސުމެއްކަން" ނާހިދް ނިކުންނަން ހިނގައިގަތެވެ. ޝިފާން ހުރީ އެގޮތަށް ނާހިދް އޭނާއަށް ސައިޒް ދެއްކުމުން ރުޅިއައިއްސައެވެ. އޭނާ އެކަން ކުރަން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ނާހިދަށް ހިލަމެއްވެސް ނުވާ ގޮތަށް އޭނާ އަޒްކާގެ ހިތް މިލްކުކުރަން ނިންމިއެވެ.
ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް އަޒްކާ ބަލައިލީ ސިއްރު ސިއްރުންނެވެ. އެއްވެސް މީހަކު ސިޓިންގރޫމަކުން ފެންނަން ނެތެވެ. އޭނާ ބަދިގެ ބަލާލިއިރު އުނދުން ކައިރީގައި ޙައްވަ ހުއްޓެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް އޭނާ ކޮޓަރިއަށް ވަދެ ދޮރު ލޮކް ކުރިއެވެ. އޭނާގެ ހިތްވަރު އެލުނީ އެހާހިސާބުންނެވެ. އޭނާ ދޮރުފަތަށް ލަށްވެގަތްއިރު ދެލޮލުން ކަރުނަ އޮހިގަނެއްޖެއެވެ. ދެލޯ ނޭދި އެދޭ ލޯބިވެރިޔާ ކުރިމަތިން ފެނުމުން އޭނާ ހިތުގައި ޖެހިއްޖެއެވެ. އެވަގުތުކޮޅު އޭނާ ކެތްކުރި މިންވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. މާލެ ބަދަލުވިއްސުރެ ފެށިގެންވެސް އޭނާގެ ހިތުގައި އޮތީ އެންމެ ބިރުވެރިކަމެކެވެ. ނާހިދް ކުރިމައްޗަށް އަރާހިނދު އޭނާއަށް ވާނެގޮތަކާމެދު އަބަދުވެސް ވިސްނެއެވެ. މިއަދު އެދުވަސް އައިސް ޖެހިއްޖެއެވެ. ނާހިދާ ވާހަކަދައްކަން ހިތްއެދުނަސް ވާހަކައެއް ނުދެއްކުނެވެ. ހިތްފުރޭވަރަށް ބަލައިލަން ބޭނުންވިޔަސް އެކަމެއްވެސް ނުވިއެވެ. އަމުދުން އެ އަޑެއް ނީވުނެވެ. އޭނާ ދެލޯ ކައިރި ފޮހެލަމުން ތިރީގައި އިށީނދެ ދެކަކުލުގައި ބޯއަޅައިލިއެވެ. ކޮންފަދަ ވޭނެއް ހެއްޔެވެ؟
ބާރު ސްޕީޑުގައި ސައިކަލްގައި ދުއްވާފައި ދިޔަ ނާހިދް ޖީބުގައި އޮތް ފޯނު ރިންގުވަމުން ދިޔައެވެ. އޭނާ ހަށިގަނޑަށް ހަރަކާތެއްވެސް ނުގެނެސް ކުރިއަށް ދުއްވަމުން ދިޔައިރު ދެލޮލުގެ ކަޅި ހުއްޓިފައި ހުރީ ދިމާ ކުރިމައްޗަށެވެ. މަގުން ހިނގާފައިދާ މީހުންނާ ދުއްވަމުންދާ އުޅަނދުތައް އޭނާއަށް ނުފެންނަ ކަހަލައެވެ. ޖެހެމުންދާ ދިޔަ ވަޔާ އޭނާގެ އިސްތަށިގަނޑު ސަމާސާ ކުރަމުން ދިޔައިރު ފަހަރަކަށް ވުރެ ފަހަރެއް ދިޔައީ ދުވެލި ބާރު ކުރަމުންނެވެ. އޭނާ ސައިކަލުގެ ދުވެލި މަޑުކޮށްލީ އައިޖީއެމްއެޗް ކައިރިއަށެވެ. ސައިކަލް ޕާކް ކުރުމަށްފަހު ޖެޓީ މައްޗަށް އަރާ ލައިގެން ހުރި ކޯޓު ބާލާފައި ގާތަކުމަތީގައި ބޭއްވިއެވެ. ޖީބުގައި އޮތް ފޯނާ ސައިކަލް ތަޅުދަނޑި ނަގާފައި ކޯޓު ތެރެއަށްލިއެވެ. ސިކުންތެއްވެސް ލަސްނުކޮށް އޭނާ ހުރި ގޮތަށް މޫދަށް ފުންމާލިއެވެ. ހަވީރުގެ ވަގުތުކަމުން ގިނަ އަދަދެއްގެ ދެ ޖިންސުގެ ޒުވާނުން އެތަނުގައި ތިއްބެވެ. އޭނާ މޮޔައެއްހެން ދެކޮޅަށް އެތައް އިރަކު ފަތާފައި އެއްގަމަށް އެރިއިރު މަންޒަރު ބަލަން އެއްވެސް މީހަކު ނެތެވެ.
އޭނާ ހިތުގައި އުފެދިފައިވި ގަދަފަދަ ތޫފާނަށް ފިނިކަމެއް ލިބިފައިވި ކަހަލައެވެ. މޫދުން އެރިއިރު މީހާ ހުރީ ހަމަޖެހިފައެވެ. ފޯނު ނަގާފައި މިސްވެފައި އިން ނަންބަރަށް ގުޅާލިއެވެ. އޭނާ އިމްރާން ކައިރީގައި ބައްދަލުކުރަން އެދުނެވެ. އެހެނީ އޭނާގެ ފޯނަށް އެވަރަށް ގުޅާފައި އިނީ އިމްރާނެވެ. ސައިކަލުގައި ދުއްވާލިއިރު އޭނާއަށް ބަލަހައްޓައިގެން މަދު ބަޔަކު ތިބިއިރު އޭނާ އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ.
ގެއަށް ވަދެގެން ދިޔަ ނާހިދް ފެނި ސިޓިންގްރޫމުގައި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން ތިބި ނައިޝީ އާ އިނާޝާ ހައިރާންވިއެވެ. ވާނީވެސް އެހެންތާއެވެ. ގެއިން ހެދިލައިގެން ދިޔަ މީހާ ގެއަށް އަނބުރައި އައިސް އެވަނީ ތެމިފޯވެގެންނެވެ.
"ނާހިދް" ނައިޝީ ގޮވައިލިއެވެ. ސިޑިން އަރަން ދިޔަ ނާހިދް ފަހަތް ބަލައިލިއެވެ. އޭނާއަށް އިނާޝާއާ ނައިޝީ ގެ ނަޒަރު ސީދާވެފައިވިތަން ފެނުމުން އަވަހަށް ހަމަޖެހިލިއެވެ.
"އާދެބަލަ" އިނާޝާ ބުނެލިއެވެ. ނާހިދް ކިޔަމަންތެރި ދަރިއެއް ފަދައިން އިނާޝާ ކައިރީގައި އައިސް ހުއްޓުނެވެ. ނައިޝީ ކައިރިވެލުމަށްފަހު ނާހިދް ހިފައިގެން ހުރި ބޫޓް ނެގިއެވެ. އަދި ގޯތި ތެރެއަށް ނިކުމެ ބޫޓް ބޭރުގައި ބެހެއްޓީ ކޮންމެސް ވަރަކަށް އެ ތެމިފައި ހުރުމުންނެވެ.
"މޫދަށް އެރެންތަ ދިޔައީ އެހާ ރީތިވެގެން" އިނާޝާ އަހައިލިއެވެ. އޭނާގެ އަޑުގައި އެއްވެސް ހަރުކަށިކަމެއް ނެތެވެ.
"ކިހިނެއްވެގެން ތެމިގެން ތިއައީ؟ ލޮނުވަސް ދުވަނީ" ނައިޝީ ބުނެލިއެވެ.
"މީޓިން ނިންމާފައި އެކުވެރިން މަޖާކޮށްލީ. ފްރެންޑެއްގެ ބާތްޑޭ ފާހަގަކޮށްލީ" ނާހިދް ބުނެލިއެވެ. އޭނާއަށް ޙަގީގަތް ހާމަކުރަން ނުކެރުނެވެ.
"އޯވް.. ތެދެކޭ މަންމާ. މިއަދު މީ އައްޔަގެ ބާތްޑޭ... ދޭ އަވަހަށް ޗޭންޖްކުރަން. ސައިހަދަން އިނގޭ މިދަނީ" ނާހިދް ހިނގައިގަތެވެ. ނައިޝީ ބަދިގެއާ ދިމާލަށް ދިޔުމުން އިނާޝާ ހުރިތަނުގައި ހުއްޓިގެން ހުރެ ނާހިދް ދާ މަންޒަރު ބެލިއެވެ. އޭނާގެ ދަރިފުޅު އެ ހެދީ ދޮގެކޭ އޭނާގެ ހިތް ބުނާ ކަހަލައެވެ.
އިމްރާނާ ނާހިދް ބައްދަލުކުރީ ހުޅުމާލޭގައި ހުންނަ ކެފޭއަކުންނެވެ. ހިމޭންވެފަ އިން ނާހިދަށް އިމްރާން އިނީ ބަލަހައްޓައިގެންނެވެ. މިހާރު އެއީ ނާހިދްގެ އާދައެވެ. އިމްރާނާ ބައްދަލުވީމާ އޭނާ ދައްކާކަށް މާގިނަ ވާހަކައެއް ނޯވެއެވެ. އިމްރާން ފަށާނީވެސް ކޮންކަހަލަ ވާހަކައެއްކަން އޭނާއަށް އިނގެއެވެ.
"މަހެއް ބާނަންތަ މިއަދު މޫދަށް ފުންމާލީ" ހިމޭނުން އިން ނާހިދް އިސްއުފުލާ އިމްރާނަށް ބަލައިލިއެވެ.
"ކާކު ބުނީ...؟ ނޫން. ހޫނުވެގެން"
"އެހެންތަ ހޫނުވީމަ މީހުން މޫދަށްއެރޭ ކަމެއް ނޭނގޭ" އިމްރާން ބުނެލިއެވެ.
"ތި ކޮންވާހަކައެއް؟ އެހެންނޫނަސް މަ މޫދަށް ފުންމާލިއޭ ބުނާއިރު ހީވަނީ އިންމަ އެތަނުގައި ހުރިހެން" ކުރިމަތީގައި ހުރި ކޮފީތަށި ވަށައިގެން އިނގިލިން ބުރެއްގޮތަށް އަޅަމުން ނާހިދް ބުނެލިއެވެ.
"މީހަކު ހުއްޓަސް ނާހިދަށް އިނގޭނެތަ؟ ކައިރީގަ ހުރެގެން އީވް އެވަރަށް ގޮވިއިރުވެސް ނޭނގުނު. މިއަދު ކޮންކަމެއް ލައިގަތީ. އިނާއްތަ ބުނި ދިޔައީ މިނިސްޓްރީގަ އޮތް ބައްދަލުވުމަކަށޭ. އަނެއްކާ މިނިސްޓަރަކަށް އިނީ އަޒްކާތަ؟" އިމްރާންގެ ރާގުގައިވަނީ މަލާމާތެވެ.
"މަށަށް ހީވަނީ އަހަރެން ދެން ނާހިދާ ބައްދަލުކުރަން ދާންޖެހޭނީ ގުރައިދުއަށްހެން" މިފަހަރުވެސް ވާހަކަދައްކީ އިމްރާނެވެ. ނާހިދް ހަމަ ބަހެއްވެސް ނުކިޔާ އިނެވެ.
"ނަފްސާނީ ކަންތަކަށް ބޭސްކުރާ ޑޮކްޓަރެއްނު ތިއީ. ގެޓް ޔުއަރ ސެލްފް ޓްރީޓެޑް ފަސްޓް" އިމްރާން ވާހަކަދެއްކިއެވެ.
ދެން ވޭތުވެގެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.
"ނިމުނީތަ...؟" ނާހިދް އަހައިލިއެވެ. އިމްރާން ބަހެއްނުބުނެ އިނީ ނާހިދަށް ބަލަހައްޓައިގެންނެވެ.
"އަންބަކާ ކުޑަކުޑަ ދަރިއަކު ހުރިއިރު އެދެމައިންނާ މެދު ނުވިސްނާ ވަރަށް މިހާރު މަށަށް ނާހިދާމެދު ވިސްނޭ. އައިމް ވޮރީޑް އެބައުޓް ޔޫ" އިމްރާން ބުނެލިއެވެ.
"އަހަރެން ވަކި ކީއްކުރާނީ އިންމަ. ނިކަން މަގޭ މޭގަ މިއޮތް ހިތް އިންމަ މޭގެތެރޭގަ ބާއްވާފަ ބަލައިލަބަލަ. މިހިތަށް އަރާފައިބަމުންދާ އެއްޗިއްސާ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ކުރާ މަސައްކަތް އިނގޭނެ" ނާހިދް ބުނެލިއެވެ. އިސާހިތަކު އޭނާގެ މޫނުމަތި މިލައިފިއެވެ.
"ދެން ތިކަމުގެ ޙައްލުވެސް އޮންނަންވާނެއްނު. މަށަށް އިނގެނީ ތި ތިން މީހުންވެސް ދުނިޔޭގަ އުޅެންޖެހޭނެކަން" އިމްރާން ބުނެލިއެވެ.
"މިއަދު އަޒްކާ ފެނިއްޖެ. އޭނަ އުޅެނީ ހެލްތު މިނިސްޓްރީގަ. މިނިސްޓަރާއެކު ކުރިމަތިން ފެނުނީ. އަތް ދިއްކޮށްލީމަ ޖެހޭ ހިސާބު ހުރީ. އަދިވެސް އެރީތިކަން. އެއްވެސް ބަދަލެއްނާދޭ. ހިތްފުރެންދެން ބަލައިލެވުނު" ހިޔާލަކަށް ގެއްލިފައި އިން މީހަކު ވާހަކަދައްކާ ފަދައިން ނާހިދް ވާހަކަދެއްކިއެވެ.
"އެކަމަކު..."
"އެކަމަކު ކިހިނެއްވީ؟ އަޒްކާ ކަމަށް މިނިސްޓަރ ގައިގަ ބައްދާލީ؟" އިމްރާންގެ ރާގުގައި މަލާމަތް ވިޔަސް އެކުވެރިޔާއަށްޓަކައި ލޯތްބާ ޙަމްދަރުދީވެސް ފޮރުވިފައިވިއެވެ.
"އިންމަ ޕްލީޒް..... އަޒްކާގެ ފަރާތުން އެއްވެސް ޝައުޤުވެރިކަމެއް ނުލިބުނު. އެމޫނުމަތިން އަހަންނަށް އެއްވެސް އެއްޗެއް ނޭނގުނު. އިނގޭ އެއްޗަކީ އޭނާގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސްފަވާކަން. އެއީ އުފާވެރި ބަދަލެއްކަމެއް ނޫނީ ހިތާމަވެރިކަމެއް ބުނާކަށް ނޭނގޭ. ނިކުމެގެންދަމުން ބަލާވެސްނުލި" ނާހިދް އަސަރާއެކު ވާހަކަދެއްކިއެވެ.
"އެހެންވެދޯ އެދިޔަ ބާރުމިނުގައި ގޮސް މޫދަށް ފުންމާލީ" އިމްރާން އަހައިލިއެވެ.
"އާނ. އެކަމަކު ކީއްކުރާނީ.... އައި ތިންކް ޝީ ހޭޓްސް މީ" ނާހިދްގެ ރާގަށް ބަދަލުއައެވެ.
"މަ އޭރުވެސް ބުނީމެއްނު. ނާހިދޭ ތިއުޅެނީ. އޭނައެއް ނޫޅޭ. ދެން ކޮންގޮތަކަށް ތި ނިންމީ" އިމްރާން އަހައިލިއެވެ.
"އަހަރެން ބޭނުންވަނީ އެންމެފަހަރު އަޒްކާއާ ވާހަކަދައްކާލަން. އަހަރެން ދޫކޮށްލާފައި ފިލީ ކީއްވެތޯ ސުވާލުކުރަން. އަހަރެން ބޭނުންވަނީ ޖަވާބެއް؟" ނާހިދް ވާހަކަދެއްކިއެވެ.
"ބޭކާރުކަމެއް. އެކަމަކު ނާހިދް ބޭނުންގޮތަކަށް ނިންމާ" ގޮނޑީގައި ލެގިލަމުން އިމްރާން ބުނެލިއެވެ.
ހިތުގައި އުފެދުނު އަލަތުލޯބި ނާކާމިޔާބުވި ހިސާބުން ފެށިގެން މާހިލްގެ ދިރިއުޅުން ކުރީގެ ދިރިއުޅުމަށް ބަދަލުވެއްޖެއެވެ. ގޭދޮށުގައި އުޅޭ ނުލަފާ އެކުވެރިންނާއެކު ގިނަ ވަގުތު ހޭދަކުރަން ފެށިއެވެ. މަސްތުވާތަކެތި ބޭނުން ނުކުރިއެއްކަމަކު ދަންވަރު ހޭލާތިބެ ފިލްމު ބެލުން އާންމުވެއްޖެއެވެ. ދުވާލު ނިދާ މީހާ ދެލޯ ހުޅުވާލަނީ އަނެއްކޮޅުން އިރު އޮށްސުނީމައެވެ. އަންހެންކުދިން ގެއަށް ނުގެނައެއް ކަމަކު މަގުމަތީގައި އަންހެންކުދިންނަށް ފޮށުން އާންމުވެއްޖެއެވެ. މީހުން އަތުން ފޭރިގެން ހޯދާ ލާރިން އޭނާ އަމިއްލަ ބޭނުންތައް ފުއްދަމުން ދިޔައެވެ.
ނަތާޝާ ޑިޔުޓީއަށް ދިޔުމުން އެއްޗެއް ގަންނަން އަޒްކާ ނިކުތީ އެކަނިއެވެ. ގަޑިން ހަވީރު ފަސްގަޑި ބައިވީހާއިރު އަޒްކާ އެއް ފިހާރައިން އަނެއް ފިހާރައަށް ވަންނަމުން ދިޔައިރު ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. އޭނާ މަޖާކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސާއެވެ.
އަތުގައި އޮތް ޖަބްލާނީ ކަނޑާލުމަށްފަހު އަނގައަށް އަޅާލިތަނާ މަގުމަތިން ދިޔަ މީހެއްގެ އަތް ދަބަސް ފޭރިގަނެގެން ދުވެފައި އައި މާހިލް ފިހާރައިން ނިކުތް އަޒްކާ ގައިގައި ލައިގަތުމާއެކު ތިރިއަށް ވެއްޓުނެވެ. އަޒްކާ ނުވެއްޓުނެއް ކަމަކު އަތަށް ތަދުވިއެވެ. މާހިލްގެ އަތުގައި އޮތް އަތްދަބަސް މާދުރަށް ވިއްސައިގެން ދިޔައެވެ. މަންޒަރު ބަލަން ތިބި ބައެއް މީހުން މާހިލް ގައިގައި ތަޅައިގަތެވެ. ބައެއް މީހުން ފުލުހުންނަށް ގުޅާށޭ ކިޔަމުން ދިޔައެވެ. އަޒްކާ ދުރުގައި ހުރިއިރު އޭނާގެ ހިތުގައި ބިރުވެރިކަމެއް ވިއެވެ. އޭރު އެއީ މާހިލް ކަމެއް އަދި ނޭނގެއެވެ.
"މާހިލް..." މާހިލްގެ ދެލޯ އަޒްކާއާއި އަމާޒުވުމާއެކު އަޒްކާއަށް ގޮވައިލެވުނެވެ. ނަމަވެސް އަމިއްލަ ނަފްސަށް އިވޭ ވަރަށް މަޑުންނެވެ. ޕޭވްމަންޓު މަތީގައި އިން މާހިލް އުނދަގުލުން ތެދުވެ އަޒްކާއާ ދިމާލަށް އަންނަން ފެށިއެވެ. އޭނާގެ ނަޒަރު އަޒްކާގެ ފައިތިލައިން ފެށިގެން ބޮލާ ހަމައަށް ދަތުރުކޮށްލިއެވެ. އަޒްކާގެ ތުނި ބަނޑަށް އޭނާގެ ނަޒަރު ހުއްޓުމާއެކު އޭނާ އަޅުވައިގެން ހުރި ދަބަސް ބަނޑާ ހަމައިގަޖައްސާބާރުކޮށްލިއެވެ.
"އަޒް...އަޒްކާ...!" މާހިލްއަށް ގޮވާލިއެވެ.
އަޒްކާ އާ ދިމާލަށް މާހިލް ފިޔަވަޅު އަޅަން ފެށުމުން އަޒްކާ ބިރުން ފަހަތަށް ޖެހެން ފެށިއެވެ. ނަމަވެސް ކުރީގެ ފިނޑި އަޒްކާއަށް ވާން ބޭނުންނުވާތީ އޭނާ މާހިލްއާ ގާތަށް ޖެހިލިއެވެ.
"ކާކުތީ؟ އަހަރެން ނުދަންނަން..." އަޒްކާ މާހިލްއަށް އިވޭވަރަށް ބުނެލިއެވެ.
"ކޮންތާކު އުޅެއުޅެފަ ތިއައީ. އަހަރެން ކިހާ ވަރަކަށް ހޯދިން" މާހިލް ބުނެލިއެވެ.
"އަދިވެސް ޕާޓޭވެފަ ދޯ. ދުނިޔެ އިސްލާހު ވިޔަސް ތި އިންސާނާ އިސްލާހެއްނުވާނެ" މަލާމާތުގެ ރާގެއްގައި އަޒްކާ ބުނެލިއެވެ.
"ކޮބާ ވިހޭ ދަރިފުޅު" އަޒްކާ ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް މާހިލް ނުދިނެވެ.
"ކޮބާހޭ ވިހޭ ކުއްޖާ" މާހިލްގެ އަޑު ބާރުވިއެވެ. އޭނާ އަޒްކާ ގާތަށް ޖެހިލިއެވެ.
އަޒްކާ މާހިލްގެ ދެ ކޮނޑުގައި އަތް އެޅުމަށްފަހު ފަހަތަށް ކޮށްޕާލިއެވެ. މާހިލްގެ ވަރުނެތް ހިކި ހަށިގަނޑު ފަހަތަށް އެއްލިގެން ދިޔައެވެ. ނަމަވެސް އެވަގުތު އެތަނަށް ކައިރިވި އަންހެންކުއްޖެއް މާހިލް އަތުގައި ހިފާލި މަންޒަރު އަޒްކާއަށް ފެނުނެވެ.
"ފިރިހެނެއްގެ ގަޔަށް އަތް އިސްކުރުމަކީ ރީތިކަމެއްނޫން" އަންހެންކުއްޖާ އަޒްކާއަށް ދެލޯ އަޅާލިއިރު ހީވަނީ އަޒްކާ އަންދާލަން އުޅުނު ހެންނެވެ. އޭނާ މާހިލް ގެންގޮސް އެއްފަރާތުގައި މަޑުކޮށްލައިގެން އޮތް ކާރަކަށް އެރުވިއެވެ. އެއަށްފަހު އަދި އެއްފަހަރު އަޒްކާއަށް ބަލައިލިއެވެ.
"ތިމާއަށް ރީތި ސިފައެއް ލިބިފައި ވިޔަސް ހީނުކުރައްޗެ ކޮންމެ ކޮންމެ ފިރިހެނެއް ތިމާ ފަހަތުން ދާނޭ" ނައިޝީ ބުނެލިއެވެ. އޭނާ ޓެކްސީއަށް އަރައިގެން ދުއްވާލަންދެން އަޒްކާ ބަލަހައްޓައިގެން ހުރިއިރު އެތައް ބައެއްގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. އެހެންކަމުން އޭނާ ޖެހިގެން ހުރި ފިހާރައަށް ދެމިގަތެވެ.
"އަހަރެން ބޭރަށް ނިކުތީ ކޮންމެހެން މާހިލް ހުރި ތަނަށް ދާކަށް ނޫން. އަހަރެން އީވްމެން ގެއަށް ދަނިކޮށް މާހިލް ފެނުނީ އެތަނުގައި ހުއްޓަ. އަހަރެންނަށް އިނގޭ ތަނެއްގަ ނުބައި ކަމެއް ކުރަންޏަ ކުރާނީ މާހިލްކަން" މާހިލްގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަންނަމުން ނައިޝީ ވާހަކަދެއްކިއެވެ. ނައިޝީގެ އަޑުގައި ހަރުކަށިކަމެއް ވިޔަސް ރާގުގައިވާ ލޯތްބާ ރަޙްމާ ޙަމްދަރުދީ މާހިލްއަށް ފާހަގަވިއެވެ. އޭނާ އެއް ތުންފަތުން ހީލައިގެން ހުރިއިރު ނަޒަރު ހުއްޓިފައިހުރީ ނައިޝީގެ މޫނަށެވެ.
"ކިހިނެއްވީ މިހާރު؟ އަދިވެސް މާހިލް ކައިރިއަށް ހިނިތަ އަންނަނީ" ނައިޝީ ބުނެލިއެވެ. މާހިލް އެނދުގައި ބޭންދުމަށްފަހު ފެންޖަގުން ފެން ތައްޓެއް އަޅާފައި ދިއްކޮށްލިއެވެ.
"ކީއްކުރަން ތިއައީ؟ އަހަރެން އުޅޭ ނޫޅޭ ގޮތް ބަލަން އިޝީއަކަށް ނުޖެހޭނެ. އަހަރެންވެސް އުނދަގުލެއް ނުކުރަމެއްނު" މާހިލް ބުނެލިއެވެ. ނައިޝީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"އަހަރެ... އަހަރެން މިއައީ މާހިލްއަށް ޖަވާބެއްދޭން" ދެއަތް ދެއަތާ މޮޑެމުންދިޔަ ނައިޝީ ބުނެލިއެވެ.
"ޖަވާބެއް ދީފީމެއްނު. ހަނދާނެއްނެތް ދޯ" މާހިލް ބުނެލިއެވެ.
"އަހަރެން މާހިލްގެ މީހަކަށްވާން ތައްޔާރު. އެކަމަކު އެބައޮތް ޝަރުތެއް" ނައިޝީ ބުނެލިއެވެ. މާހިލްގެ ދެލޯ ވިދައިގަތެވެ. އޭނާ ކޮޅަށް ތެދުވެ ނައިޝީގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ.
"މާހިލްގެ ތި އުޅުން ބަދަލުކުރޭ. ޒިންމާދާރު ވަޒީފާއަކަށްދޭ. އަހަރެން ހިތްހަމަޖެހޭކަހަލަ މީހަކަށްވޭ. ދެން އާދޭ އަހަރެން ކައިރިއަށް. އޭރުން އަހަރެން ނާހިދް ކައިރިން މިނިވަންވެގެން މާހިލްގެ މީހަކަށް ވާނަން" ނައިޝީ ބުނެލިއެވެ.
"އަހަރެން އިޝީއަށްޓަކައި ތި ހުރިހާ ކަމެއް ކުރާނަން" އޭނާ ނައިޝީގެ ކޮލުގައި ބޮސްދިނެވެ. ތުންފަތުގައި ބޮސްދިނެވެ.
ނައިޝީ މާހިލްގެ ދެއަތުގެ ތެރޭގައި ގައިދުވެފައި ހުރިއިރު އޭނާގެ ދެލޮލުގައި ނުތަނަވަސްކަމެއް ވިއެވެ. އަމިއްލަ އެދުމެއް ފުއްދުމަށްޓަކައި އޭނާ މީހެއްގެ ދިރިއުޅުމަށް ވަދެގަތްއިރު ނިކުމެދާނެ ނަތީޖާއަކާމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ.
ޖެހިގެން އައީ އޮފްދުވަހަށް ވުމުން ނައިޝީ އީވްއާ ބައްދަލުކުރިއެވެ. ދެ އެކުވެރިން ހަފްތާބަންދުގައި ވިލިމާލެއަށް ދިޔައީ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. މެންދުރުފަހު އޮތް ފެރީއެއްގައި ދެ އެކުވެރިން ޓާމިނަލް ކައިރީގައި ހުރި ފިހާރައަކުން ބޭނުންވާ އެއްޗެހި ގަނެގެން މިސްރާބުޖެހީ ބީޗާ ދިމާލަށެވެ.
މީހުން މަދު ދިމާ ބަލާފައި އަތުގައި އޮތް މެޓު އަޅާލުމަށްފަހު އޭގެ މަތީގައި އީޝަމް ބޭންދިއެވެ. އަދި ދަބަހުން ނެގި ޔޯގަޓް ތަށި ކަނޑާލުމަށްފަހު އީޝަމްއަށް ކާންދޭން ފެށިއެވެ.
"މަގޭ ހިތަށްއަރާ އީވްއަށް ތިގޮތަށް މޫނުއަޅައިގެން އުޅެވޭކަމޭ" އެއްފަރާތުން ފަސްގަނޑު މަތީގައި އިށިން ނައިޝީ އަހައިލިއެވެ.
"ފުރަތަމަކޮޅު ވަރަށް އުނދަގުވި. މިހާރު އޯކޭ. މިހާރު މި ނާޅާ ހުރީމަ ހީވަނީ ގަޔަށް އެއްޗެއްނުލާ ހުރެވޭހެން" އީވް ޖަވާބުދިނެވެ.
"ތިއެއްނޫނޭ.. ދެކުދިންގެ ލައިފް މިހާރު ކިހިނެއް؟ އަދިވެސް ބޭބީއެއް ހޯދާކަށްނޫޅެންދޯ" އީވް އަހައިލިއެވެ.
"ކުރިން ނޫޅެން. އެކަމަކު މިހާރު އެބައުޅެން. މިދުވަސްކޮޅު އެހާ ރަނގަޅެއްނޫން. ނާހިދް ހުންނަނީ ކޮންމެސްކަމަކާ ކަޓާފަ" ނައިޝީ ވާހަކަދެއްކިއެވެ.
"ތިހެންބުނީމަ މި ހަނދާންވީ. ކުރީދުވަހެއްގަ އިންމަ އާ ނާހިދް ވަރަށް ސީރިޔަސް ވާހަކައެއްގަ ތިއްބަ މަށަށް ދެވެނީ. ކޮންމެސްކަމެއް ނާހިދަށް ވެގެންއުޅެނީ. ނާހިދް ބުނި އަޑު އިވުނު ހަލާކުވެފައިވާ ހިތަކުން އެހެން ހިތަކަށް ލޯބިދެވިދާނެހޭ ކަންނޭނގެ. ރަނގަޅަކަށް އަޑެއްނީވުނު. އަނެއްކާ އިޝީއަށް ނާހިދް ރަނގަޅުތަ؟" އީވް ވާހަކަދެއްކިއެވެ.
"ނާހިދް ވަރަށް ރަނގަޅު. ވަރަށް ވަގުތުދޭ. ދެމީހުން ކުޑަ ޗުއްޓީއަކަށް ފުރަން އުޅެނިކޮށް މަންމަ ބަލިވެގެން ގެނައީ. ނާހިދް ބުނި އޭނަ ކުޑަކޮށް ބައްޔޭ" ނައިޝީ އޮޅުންފިލުވައިދިނެވެ.
"އަދި ކުރިން ދުވަހަކު ވަރަށް މަޖާކަމެއް ނާހިދް ކުރިއެއްނު. އިޝީއަކަށް ކިޔައެއްނުދޭތަ؟ އަހަރެން ހުރީ ހަމަ ޚައިރާންވެފަ" އީވް ވާހަކަދެއްކިއެވެ.
"އަނެއްކާ ކީއްކުރީ އެސޮރު" ނައިޝީ އަހައިލިއެވެ.
"ވަރަށް ހެދިލައިގެ ހުރީ. މަ އީއްކޮ ގޮވައިގެން ރަސްފަންނަށް ދިޔަ ދުވަހެއް. ސައިކަލުގައި އައިސް މަޑުކޮށްލާފައި އިރުކޮޅަކުން މޫދަށް ފުންމާލައިފި. ވަރަށް ގޮވިން. ހީވަނީ ކަމަކާ ވަރަށް ހާޓްވެފަ ހުރިހެން" އީވް ވާހަކަދައްކަމުން ދިޔައިރު ނައިޝީގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ.
"އެކަނިތަ ހުރީ؟" ނައިޝީ އަހައިލިއެވެ.
"އާނ އިތުރުމީހަކު ނެތް ފެންނާކަށް. ވަރަށް ގިނަ މީހުން ބަލަންވެސް ތިބި" އީވް ވާހަކަދެއްކިއެވެ.
"ތިވާނީ އޮފީސް ކުއްޖެއްގެ ބާތްޑޭ ފާހަގަކުރަން ކަމަށް. ނާހިދް ބުންޏޭ" ހީލަމުން ނައިޝީ ބުންޏެވެ. ނަމަވެސް އޭނާ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ނާހިދް ކަންތައްގަނޑެއް ސިއްރުކުރާކަން އޭނާއަށް ޔަޤީންވިއެވެ.
"އަހަރެން އީވް ކައިރީގައި ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން" ނައިޝީ އީވްއަށް ބަލައިލިއެވެ.
(ނުނިމޭ)