އިލެކްޝަންސް ކޮމިޝަން

ރައީސް ނަޝީދާއި އިމްރާނަށް ޕާޓީގެ ރައީސްކަމުގައި ދެމިތިބެވޭނެތޯ އިލެކްޝަނުން ނިންމަނީ

2

ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ޕާޓީގެ ރައީސް ކަމުގައި ދެމިތިއްބެވޭނެތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ގެންދާތީ އެކަމާ މެދު ގޮތެއް ނިންމަން އިލެކްޝަނަސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް މިއަދު "ވަން އޮންލައިން" އަށް ދެންވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވާތީ އެ ހުކުމް ބާތިލު ނުކުރާހާ ހިނދަކު އެބޭފުޅުންނަށް ޕާޓީގެ ރައީސް ކަމުގައި ދެމިތިއްބެވޭނެތޯ ނުވަތަ ނޫންތޯ ބައެއް ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ސުވާލު ކުރިމަތިކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުން ރައީސް ނަޝީދާއި ޝެއިޚް އިމްރާންގެ ހުކުމް ތަންފީޒުކުރުން ފަސްކުރައްވައި އެބޭފުޅުންގެ މައްޗަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާފައިވީ ނަމަވެސް، އެބޭފުޅުންގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ބާތިލު ނުކުރާތީ، އެ މައްސަލައިގައި ކޮމިޝަނުން ގޮތެއް ނިންމައިދިނުމަށް ނުވަތަ ކޮމިޝަނުން ދެކޭ ގޮތެއް ބުނުމަށް ގިނަ ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ގޮތެއް ނިންމަން. ކޮމިޝަަނުގެ ގާނޫނީ ޓީމާ ވެސް މަޝްވަރާކޮށްފަ މެންބަރުންގެ ބައްދަލުުވުމެއްގައި ނިންމާނީ." އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަށް ގޮތެއް ނިންމުން އަންނަ އާދީއްތަ ދުވަހު އޮންނާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟