ބޮލީވުޑް

އީދު 2020ގައި ރިލީސްކުރަނީ ފިލްމު ރާދޭ އެއްނޫން: ސަލްމާން

ބަތަލު ސަލްމާން ޚާން އަކީ ކޮންމެ އަހަރު އީދާ ދިމާކޮށް ބޮޑު ފިލްމެއް ރިލީސް ކުރާ އެއް ތަރިއެވެ.

ސަލްމާން އަންނަ އަހަރު އީދަށް ނެރެން މަސައްކަތް ކޮށްފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ"އެވެ. ނަމަވެސް ސަލްމާން އަދި ސަންޖޭއާ ޖެހުނު މައްސަލައެއްގައި އެ ފިލްމު ވަނީ ކުރިއަށް ނުގެންގޮސް މެދުކަނޑާލާފައެވެ. ފިލްމު ހުއްޓާލި ކަމަށްވިއަސް ސަލްމާން ވަނީ އީދުގައި ފިލްމެއް ނެރޭނެ ކަމަށް ފޭނުންނަށް ވައުދުވެފައެވެ.

އަޑުފެތުރިފައިވާ ގޮތުގައި އީދުގައި ސަލްމާން ނެރޭ ފިލްމަކީ ރާދޭއެވެ. އެ ފިލްމަކީ ކޮރެއަން ފިލްމެއް ކަމަށްވާ "ވެޓެރަން" ގެ ރީމެކެކެވެ.

ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ވަނީ ޕްރަބޫދޭވާ އާގުޅިގެން ފިލްމެއްގެ މަސައްކަތް ފަށާފައެވެ. މީޑިއާ ތަކަށް ސަލްމާން ދިން އިންޓަވިއެއްގައި ސަލްމާން ބުނި ގޮތުގައި ޕްރަބޫދޭވާ އާއެކު އޭނާ މަސައްކަތް ފަށާފައިވާ ފިލްމު އަންނަ އަހަރުގެ އީދުގައި ރިލީސް ކުރާނެއެވެ. އަދި އެ ފިލްމަށް ކިޔަނީ ރާދޭ އެއް ނޫންކަންވެސް ސަލްމާން ވަނީ ބުނެފައެވެ.

މިއީ ޕްރަބޫދޭވާ އާއި ސަލްމާން އެކީގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ދެމީހުން އެކުގައި ވަނީ ފިލްމު "ވޯންޓަޑް" އަދި "ޑަބަންގް 3" ގައި މަސައްކަތް ކޮށްފައެވެ.

ޑަބަންގް ތިނެއް ރިލީސް ކުރަނީ މިއަހަރު ޑިސެންބަރު 20ގައެވެ.

މީގެ އިތުރުން ސާޖިދް ނަޑިޑްވާލާގެ ފިލްމު "ކިކް 2" ވެސް ސަލްމާންގެ ޕައިޕްލައިނުގައި މިއަހަރު ވެއެވެ،