ޔޫތް މިނިސްޓަރ އަހުމަދް މަހުލޫފް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ރިއަލިޓީ ޝޯތަށް ރާއްޖެ ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓަރުގެ ދަތުރުފުޅުގައި އިންޑިއާގެ މެގާ ސްޓާ އަމީތާބް ބަޗަން އާ ބައްދަލުކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި އަމީތާބާ ބައްދަލުވުމަކީ ލިބިގެންދިޔަ ވަރަށްބޮޑު ފަހުރެއް ކަމަށާއި މި ދަތުރުފުޅުގައި ރާއްޖެއަށް އިންޑިއާގެ ރިއަލިޓީ ޝޯތަށް ގެނައުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމުގައެވެ.
އިންޑިއާގައި ދިވެހިންގެ މެދުގައި މަގުބޫލު ރިއަލިޓީ ޝޯތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި "ކޯން ބަނޭގާ ކުރޯޑް ޕަތީ"، "ޑާންސް އިންޑިއާ ޑާންސް" އަދި "ބިގް ބޮސް" ފަދަ ޝޯތައް ހިމެނެއެވެ.
މީގެ އިތުރުން މިނިސްޓަރުގެ ޓުވީޓުގައި އަމީތާބަކީ ވަރަށް ހިތްހެޔޮ ބޭފުޅެއްކަން ފާހަގަކުރައްވައި މިއަހަރުގެ ދާދާ ސާހެބް ޕަލްކޭ އެވޯޑަށް ހޮވުމުން އަމީތާބަށް މަރުހަބާ ދަންނަވާފައިވެއެވެ.
މިނިސްޓަރ މަހުލޫފް އިންޑިއާއަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރޭގަ އެވެ.