އިބްރާހިމް ޒަކީ
އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ހުލާސާބަޔާން ހުށަހަޅަން ނިންމައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުންކުރާ މަނީ ލޯންޑަރިންގެ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުން ނިންމަވާ ލައްވައިފިއެވެ.
މެންދުރު 12:52 ގައި ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިމުނީ ކަމަށާއި، އިފާއުން ހުށަހަޅާފައިވާހެކި ހާޒިރު ނުވުމުން އެހެކި އިތުރަށް ހާޒިރު ނުކުރަން ނިންމެވީ ކަމަށެވެ.
މި ޝަރީއަތުގައި ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުން ކަމަށާއި، އެކަމަށްޓަކައި ޝަރީއަތުގެ އަޑުއެހުމެއް ދެން ބާއްވާނީ އޮކްޓޯބަރު 10 ވާ ބުރާސްފަތި ދުވަހު ކަމަށްވެސް އިސްގާޒީ ވިދާޅުވިއެވެ.
އިސްގާޒީ ވިދާޅުވީ އެދުވަހުގެ އަޑުއެހުން އޮންނާނީ 1:30 ގައި ކަމަށެވެ.
ދެ ފަރާތުން ހެކިން ހުށަހެޅުމަށް ހެނދުނު 9:30ގައި ފެށުމަށް ތާވަލްކޮށްފައި އޮތް މިއަދުގެ އަޑުއެހުން ފެށީ 50 މިނިޓް ފަހުން 10:20ގަ އެވެ.
ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށަހެޅުއްވި ހަމައެކަނި ޝަފައީ ހެކި ކަމުގައިވާ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ވަނީ ޝަރީއަތަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނާ އެއްކޮޅަށް ހެކި ދެއްވުމަށް އުޒުރުވެވަޑައިގެންފައެވެ.
އިސްގާޒީ ވިދާޅުވީ، އެކިބަސް ދެއްވުމަށް އުޒުރުވެރިވެ ވަޑައިގެން އަޒީމާ ކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އަދި ކޯޓު އަމުރުގައިވާ ވަގުތަށް ކޯޓަށް ހާޒިރުވެވަޑައިގެންނެވެން ނެތް ކަމަށާއި، ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، ރާއްޖޭން ބޭރުގައި ކަމަށްވާތީ، އާއި މި މައްސަލައިގައި އަދާކުރެއްވޭނެ ހެކިބަހެއް ނެތުމުން ކޯޓަށް ވަޑައިގެންނެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް، އެ ސިޓީގައި އަޒީމާ ވިދާޅުވެފައިވާ ކަމަށް އިސްގާޒީ ހައިލަމް ވިދާޅުވިއެެވެ.
އެހެންކަމުން އަޒީމާ އިތުރަށް ކޯޓަށް ހާޒިރު ނުކުރަން ނިންމައި، ކިތާބީ ހެކި ކުށަހެޅުމަށް ދައުލަތުގެ ޕްރޮކިއުޓަރަށް ގާޒީ ފުރުސަތު ދެއްވިއެވެ.
އެ ފުރުސަތުގައި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓާއި އޭސީސީން ބަލަމުންދާ އެމްއެމްޕީއާރުސީގެ މައްސަލައާއި ރައީސް ޔާމީންގެ އެކައުންޓުގައި ހުރި އެއްމިލިޔަން ޑޮލަރާބެހޭގޮތުން އޭސީސީން ކުރިއަށް ގެގޮސްފައިވާ ކަންތައްތަކުގެ އިތުރުން، ބައެއް ބޭފުޅުން ދެއްވާފައިވާ ބަޔާންތަކަށް ރިއާޔަތްކޮށް، ޕްރޮސިކިއުޓާ ވަނީ ވަރަށް ދިގުކޮށް ކިތާބީ ހެކި ހުށަހަޅުއްވައިފައެވެ.
ދައުލަތުން ކިތާބީ ހެކިހުށަހެޅުމުން ދިފާއީ ހެކި ހުށަހެޅުއްވުމަށާއި، ދައުލަތުން ހުށަހެޅި ހެތްކާބެހޭގޮތުން ވާހަކަ ދެއްކެވުމަށް އިސްގާޒީ، ރައީސް ޔާމީންގެ ވަކީލުންނަށް ފުރުސަތު ދެއްވިއެވެ.
ދިފާއުގައި، ރައީސް ހާމީންގެ ވަކީލުން ހުށަހެޅުއްވީ ކިތާބީ ދެ ހެތްކެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްއޭއިން ނެރެފައިވާ ބަޔާނަކާއި ސިވިލްކޯޓުގެ ގަޒިއްޔާ އެކެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ހުށަހެޅުއްވި ހެކި ނަފީ ކުރުމަށް، ގާނޫނުތަކާއި، ދައުލަތުން ހުށަހެޅި ބަޔާންތަކަށް ރިއާޔަތް ކުރައްވައި ރައީސް ޔާމީންގެ ވަކީލުން ވަނީ ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ.
އަދި ރައީސް ޔާމީންވެސް ވަނީ އެމަނިކުފާނަށް ކުރާ ދައުވާގައި އަސްލެއްނެތްކަން ބަޔާން ކޮށްދެއްވުމަށް މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވައިފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.