ބަތަލާ އޭމީ ޖެކްސަން ފިރިހެން ކުއްޖެއް ލިބިއްޖެއެވެ. މީގެ ދެތިން ދުވަސް ކުރިން އޭމީ ވިހާފައިވާއިރު އިއްޔެ ވަނީ ދަރީގެ ފޮޓޯއެއް ފޭނުންނަށް ދައްކާލާފައެވެ. ކުއްޖާއަށް ކީ ނަމަކީ އެންޑްރިއޭސް އެވެ.
އޭމީ ވަނީ ވިހެއުމުގެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތުގައި ހަލަބޮލިކޮށް އުޅެފައެވެ. އެގޮތުން ގިނަ މަގްބޫލު ބްރޭންޑް ތަކެއްގެ ޝޫޓިންތަކެއް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މީސް މީޑިއާގައިވެސް އޭމީ ވަނީ ފުދޭވަރަކަށް އެކްޓިވްކޮށް ހަރަކާތްތެރިވެފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ކަސްރަތު އަދި ޔޯގާ ޝެޝަންތައް ދިޔައީ ފޭނުންނާ ހިއްސާކުރަމުންނެވެ.
އޭމީ މިވަގުތު ހުރީ އާއިލާ އާއެކު ލަންޑަނުގައެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިޔައީ އަކްޝޭ ކުމާރު އަދި ރަޖްނީ ކާންތް އާއެކު ފިލްމު 2.0 އިންނެވެ.